ލޯކަލް ގަވަމަންޓް އޮތޯރިޓީ(އެލްޖީއޭ)ގެ ކަމަކަށް އޮތީ މާލޭގެ ރައްޔިތުންނަށް ޖެއްސުން ކުރުންތޯ، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ސުވާލު ކުރައްވައިފިއެވެ.
މާލެއިން 1000 ޕާކިން ޖާގަ ވިއްކުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިއުލާނު ކޮށްފައެވެ. ސިޓީ ކައުްނސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ޕާކިން ސްލޮޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު 16 ފެބްރުއަރީން ފެށިގެން، އޮންލައިން ޕޯޓަލް މެދުވެރިކޮށް، ހުޅުވައިލެވިފައިވާ ކަމަށެވެ.
މި ސްލޮޓްތަކުގެ ތެރޭގައި ޕްރައިވެޓް ކާރުތަކަށާއި، މާލޭގައި ދުއްވާ ޓެކްސީތައް އަދި 3.5 ޓަނުގެ ޕިކަޕްތަކަށް ހާއްސަ ސްލޮޓްތައް ހިމެނޭ ކަމަށް ކައުންސިލުން ބުނެއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ، އަދި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ބުނެފައި ވަނީ މިއީ ސިޓީ ކައުންސިލަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަން މަޑު ޖައްސާލުމަށް އެލްޖީއޭއިން ވަނީ އަންގައިފައެވެ.
އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފު ސޮއި ކުރައްވައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެ ކައުންސިލުން މާލޭގައި ވެހިކަލް ޕާކުކުރުމަށް އަމިއްލަ ފަރާތްތަކަށް ބިން ވިއްކުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށައިފައިވާކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ޝުޖާއު ކުރެއްވި ޓްވީޓެއްގައި އަފްޝަން ޓެގް ކުރައްވައި ވަނީ، އެލްޖީއޭއިން އުޅެނީ "ކޮން ސަކަރާތެއް" ޖަހަންތޯ ސުވާލު ކުރައްވައިފައެވެ. އަދި މީގެ ކުރިން ވެސް މާލެ ސިޓީ ކައުންސިލުން ޕާކިން ޖާގަ ވިއްކިއިރު، އެލްޖީއޭ އޮތީ ނިދައިފައިތޯ ވެސް އޭނާ އެއްސެވިއެވެ.
މި މައްސަލައިގައި ޓްރާންސްޕޯޓުން ބުނި ގޮތުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަދާފައިވާ އެއްގަމު އުޅަނދު ޕާކްކުރުމުގެ ގަވާއިދުގެ ތެރެއިން ސިޓީ ކައުންސިލަށް ލިބިދޭ ބާރަކީ ޕާކިން ޒޯންތައް ކަނޑައަޅައި، ހިލޭ ޕާކުކުރެވޭނެ ސަރަހައްދުތަކާއި، ވަކި ވަގުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅުން ކަމަށެވެ.