އޯޑިއޯ މައްސަލާގައި އަލީ ވަހީދާ މެދު ގޮތެއް ނިންމަވާނީ ރައީސް: ގާސިމް
ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބެލެވޭ ފަރާތަކުން ކެބިނެޓް މިނިސްޓަރުނަށް ނިސްބަތްކޮށް ދެއްކި ދަށު ދަރަޖައިގެ ވާހަކަތަކާ މެދު ގޮތެއް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ މިރޭ ބޭއްވި އެޕާޓީގެ ކުއްލި ކައުންސިލް ބައްދަލްވުމުގައި ވާހަކަދައްކަވަމުންނެވެ.
ލީކްވެފައިވާ އޯޑިއޯއާއި ގުޅިގެން ކައުންސިލް މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވުމުން ގާސިމް ވިދާޅުވީ އޯޑިއޯގެ މައްސަލައަކީ ޖިނާއީ މައްސަލައެއް ކަމަށާއިި އެކަމާ ގުޅިގެން ކުރަންޖެހޭ ކަންކަން އިދާރާތަކުން ކުރާނެ ކަމަށެވެ.
އަލީ ވަހީދު ޕާޓީން ވަކިކުރަން، ކައުންސިލް މެންބަރު އަލީ ސޯލިހު ހުށަހެޅުއްވުމުން ގާސިމް ވަނީ އެ ހުށަހެޅުން ބޭރުކޮށްލައްވާފައެވެ. ގާސިމް ވިދާޅުވަނީ އެއީ ޕާޓީގެ މައްސަލައަކަށްވުރެ ބޮޑަށް، އެއީ ވަޒީރަކަށް އެކަމާ މެދު ގޮތެއް ނިންމަވާނީ ރައީސް ކަމަށެވެ.
ލީކްކު ކޮށްފައިވާ އޯޑިއޯތަކުގައި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއާ ގުޅޭގޮތުން ވަރަށް ހުތުރު ވާހަކަ ދެކެވެއެވެ. ނަހުލާ، ބަދުއަހުލާގީ އަމަލަށް ދައުވަތު ދީފައިވާ ކަމަށާ އިތުރު ބަޔަކާއެކު ނަމަވެސް އެކަން ކުރަން ބޭނުންވާ ކަމަށް ބުނާ ވާހަކަ އަޑުއިވިގެން ދެއެވެ. އަދި ނަހުލާއަށް ގުޅައިގެން ތަފާތު ވާހަކަތައް ދައްކާ އަޑުވެސް އިވެއެވެ.
މީގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކޮށް ވެސް އަލީ ވަހީދު ވަނީ ހުތުބަހުން ވާހަކަ ދައްކަވާފައެވެ.
މި މައްސަލާގައި އަލީ ވަހީދު ވިދާޅުވީ އެއީ އަސްލެއް ނެތް އޯޑިއޯތަކެއް ކަމަށް އެ އޯޑިއޯގެ ވާހަކަތައް ތަހުގީގު ކުރުމުން ހަގީގަތް ރަނގަޅަށް ސާފު ވާނެ ކަމަށެވެ.
ފުލުހުން މިރޭ ބުނީ އެ އޯޑިއޯތަކާއި ގުޅިގެން ރަސްމީކޮށް މައްސަަލަ ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް ޖިނާއީ ކުށުގެ އަމަލެއް ހިމެނޭކަން ފާހަގަ ކުރެވިފައިވާތީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.