ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވުން މުހިންމު: ޝާހިދު
ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް އެ ދާއިރާއިން އަންހެނުން ބާރުވެރި ކުރުވަންޖެހޭ ކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ކޮންމެ ފެބުރުއަރީ މަހެއްގެ 11 ވަނަ ދުވަހު ސައިންސްގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދުނިޔޭގައި ފާހަގަ ކުރާ "ވިމެން އިން ސައިންސް ޑޭ"ގެ މުނާސަބަތާ ގުޅުވައި ޝާހިދު ވަނީ ވީޑިއޯ ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވައިފައެވެ.
އޭގައި ޝާހިދު ވިދާޅުވީ ސައިންސްގެ ރޮނގުން ކުރިއަށް ދިއުމަށް އަންހެނުންނާއި އަންހެން ކުދިންނަށް އަދިވެސް ގިނަ ހުރަސްތަކެއް ކުރިމަތިވާކަމަށެވެ.
އެ ހުރަސްތައް ނައްތައިލާން ކުރަން ޖެހޭ މަސައްކަތް ގިނަކަމަށް ޝާހިދު ވިދާޅުވިއެވެ. ހަމައެކަނި ސައިންޓިސްޓުންނަށް ވުމަށް އެދޭ އެތައް މިލިއަން އަންހެން ކުދިންނެއް ތިބިއިރު، އެ ކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހަދަން އެހީތެރިވެދޭން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަންހެނުންނާއި އަންހެން ކުދިން ސައިންސްގެ ރޮނގުން ކުރިއަށް ދިޔުމުގައި ބޮޑެތި އެހީތަކެއް ލިބެމުންދާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މިދާއިރާގައި އަދިވެސް އަންހެނުންނަކީ މައިނޯރިޓީ ކަމަށެވެ.
މީގެ އިތުރުން "ސްޓީރިއޯޓައިޕް" ވިސްނުމުގެ ސަބަބުން އަންހެން ކުދިންނަށް ގޮންޖެހުން ބޮޑުކަމަށާއި މިކަން ނައްތައިލާން އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ހަރުދަނާ ތައުލީމީ ނިޒާމެއްގެ ތެރެއިންކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
"ޖައްވަށް ދާން ބޭނުންވާ ޒުވާން އަންހެން ކުދިންނަށް، ކަނޑުގެ ފުންމިނަށް ދާން ބޭނުންވާ ކުދިންގެ ހުވަފެން އުއްމީދަކަށް ބަދަލުކޮށްލެވިދާނެ" އދ. ގެ އާންމު މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ ރައީސެއްގެ ގޮތުގައި ހުންނެވީ އަންހެން ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ.
އަދި ސައިންސްގެ ރޮނގުން އަންހެނުންނާއި އަންހެން ކުދިންގެ ތަމްސީލުވުން ފުޅާކުރުމަށް ވަށާ ޖެހޭ ތައުލީމީ ނިޒާމެއް ގާއިމްކުރުމަށް ތައުލީމީ މުއައްސަސާތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ވަކިވަކި ފަރުދުން ގުޅިގެން މަސައްކަތް ކުރަން ޝާހިދު ގޮވައިލެއްވިއެވެ.