ފުލުހުން ،ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށައިފި
ފުލުހުން ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ބޮޑީވޯން ކެމެރާ ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތް ޝައުނާއެވެ.
އެކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ޒިންމާދާރުކަމާ އެކު، ޖަވާބުދާރީވާ މުއައްސަސާއަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ ސަބަބުން ޢާއްމުންނަށް ފުލުހުންނާމެދު އޮންނަ އިތުބާރު ބޮޑުވާނެކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ބަދަލާއެކު ކުށްތަކާ ދެކޮޅަށް ނަތީޖާ ނެރުމުގައި އަވަސްވެގެންދާނެ ކަމަށާއި މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައިމުތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީ ކަމަށެވެ.
“މިއީ ވަރަށް ރަނގަޅު އިސްލާހީ ބަދަލެއް. މިކަމުގެ ސަބަބުން ކުށްތަކާ ދެކޮޅަށް ނަތީޖާ ނެރުމުގައި އަވަސްވެގެންދާނެ. މިއީ ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ޤައިމުތަކުގައި ބޭނުންކުރާ ޓެކްނޮލޮޖީ” މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ބޮޑީވޯން ކެމެރާގެ ސަބަބުން ފުލުހުންނަށް ފާރަވެރިވާ ފަރާތްތަކަށް ވެސް ކަންކަން ބެލުމުގައި އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. އަދި މިއީ ހަމައެކަނި ފުލުހުން ޖަވާބު ދާރީ ކުރުމަށް ބޭނުންކުރެވޭނެ އެއްޗެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުުރުން ސީޕީ ހަމީދު ވިދާޅުވީ ބޮޑީ ވޯން ކެމެރާ ފުލުހުން ބޭނުންކުރަން ފަށަން މަސައްކަތް ކުރަމުން އަންނަތާ ތިންއަހަރެއްހައި ދުވަސް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަސައްކަތް ކާމިޔާބު ނުވެ، ދިގު ދެމިގެން ދިޔައީ ކޮވިޑް-19އާ ކުރިމަތިލާން ޖެހި ދައުލަތުގެ ހަރަދުތައް 2020ވަނަ އަހަރު ކުޑަކުރަން ޖެހުމުން ކަމަށެވެ.
ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފައި ވަނީ 200 ކެމެރާއާ އެކު މާލެސިޓީއާއި އައްޑޫ ސިޓީގައެވެ.