ޚަބަރު

އިންޓަނެޓްގެ އަގު ހެޔޮ ކުރާނީ އަދި ދެ އަހަރު ފަހުން

ދެން އެމްވީ ، ދެން އޮންލައިން

އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް ތަންފީޒުކުރުމަށް ސަރުކާރުން ނިންމާފައި ވަނީ 2022 ވަނަ އަހަރު ކަމަށް ރައީސް އޮފީހުން ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް އަންގައިފިއެވެ.

Ads by Sosun Fihaara

އިންޓަނެޓް އަގުހެޔޮ ކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތް ނިންމައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ރައީސް އޮފީހުގެ ޕޮލިސީ އޮފީހަށް ވަނީ ޕްރޮޕޯސަލާ ފޮނުވާފައެވެ.

އެ ޕްރޮޕޯސަލްއަށް ޖަވާބުދީ ރައީސް އޮފީހުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އިންޓަނެޓްގެ އަގު ހެޔޮ ކުރުމުގެ މަސައްކަތް، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން(ސެޕް)ގެ ޓައިމްލައިންއާ އެއްގޮތަށް ކުރިއަށް ގެންދިއުމަށެވެ.

އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވާ ގޮތުން އިންޓަނެޓްގެ އަގު ހެޔޮކުރުމުގެ މަސައްކަތް ތަންފީޒުކުރުމަށް އަންގާފައި ވަނީ 2022 ވަނަ އަހަރެވެ.

އޭގެ އިތުރުން މި ސިޓީގައި ވަނީ މިކަމުގެ މަޝްވަރާތައް ކުރިއަށްދާއިރު ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރާ ވެސް މަޝްވަރާ ކުރަން އެދިފަ އެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ، އައިމިނަތު ޝައުނާ ސޮއި ކުރައްވާ މިމަހުގެ ދިހަ ވަނަ ދުވަހު، މިނިސްޓަރަށް ފޮނުވާފައިވާ ސިޓީ އެކެވެ. މި ސިޓީގައި އިތުރަށްވާ ގޮތުން ވަކި އިންސައްތައަކަށް ބިނާކޮށް އަގުތައް ދަށްކުރުމުން އިންޓަނެޓްގެ ހުރިހާ ޕެކޭޖްތަކަކުން ބޭނުންވާ ފަދަ ހެޔޮ ބަދަލެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ރައީސް އޮފީހުން ފޮނުވި ސިޓީގައި އިތުރަށް ބުނީ އިންޓަނެޓްގެ ފެންވަރު މޮނީޓާކުރުމުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން އަދާކުރަން ޖެހޭ ދައުރު ހަރުދަނާކޮށް، ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެކަންކަން ކުރަމުން އަންނަ ގޮތަށް ރިއާޔަތް ކުރުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!