ރައީސް ނަޝީދުގެ ހާސްކަމަކީ ވެރިކަން ނުލިބިއްޖެ ނަމަ ޖާހަތު ގެއްލޭތީ: ޑރ. ޖަމީލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާސްކަމަކީ ވެރިކަން ނުލިބިއްޖެ ނަމަ ޖާހަތު ގެއްލިދާނެތީ ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ވިދާޅުވީ އެއްވެސް މީހަކަށް އެކަނި ރައްޔިތުންގެ ފައިސާއާއި ވެރިކަން ކުރަންވީ ގޮތް ނުނިންމޭނެ ކަމަށެވެ. އަދި “ރައީސް ނަޝީދުގެ ހުރިހައި ހާސްކަމަކީ ވެރިކަން ނުލިބިއްޖެ ނަމަ ޖާހަތު ގެއްލޭތީ”ކަމަށާއި އޭގެ ތެރޭގައި މުރައިދޫ ގަނޑުވަރާއި އިމެއް ނެތް ޚަރަދު ހިމެނޭ ކަމަށެވެ.
“ދަހިވެތިކަން ހައްދުން ނައްޓައި ރަންނަމާރި ގޮތަށް ރައްޔިތުންނަށް ބިރަކަށް ވެއްޖެ” ޖަމީލް ވިދާޅުވިއެވެ.
މީގެ 10 އަހަރު ކުރީން ، ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި ދެން ހިންގެވި ކަންތައްތަކަށް ވެސް ޖަމީލް ފާޑު ވިދާޅުވިއެވެ. ރައީސް ނަޝީދު އިސްތިއުފާ ދެއްވައި ޖެހިގެން އައި ދުވަހު ގިނަ ހަމަނުޖެހުންތަކެއް ހިންގައި، ގިނަ ތަންތަނުގައި ހުޅު ޖެހުމުގެ ހާދިސާތަކެއް ހިނގައިފައިވެއެވެ.
ހުޅު ޖެހުމުގެ ހާދިސާތަކަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވީ އެ ދުވަހު ރައްޔިތުންނަށް ހަނދާން އައު ކޮށްދެނީ އެމްޑީޕީގެ ޙަޤީޤަތް ކަމަށެވެ. އަދި ރައީސް ނަޝީދަކީ އެއިރު ވެސް އަދި މިހާރު ވެސް ޝަރުޢީ ނިޒާމަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރި އަދި ކުރާ ފަރާތް ކަމަށް ޖަމީލް ވަނީ ވިދާޅުވެފައެވެ.