ކޮލަށް ކަރުދާސްކޮޅެއް ލައިގެންވެސް އަލީ ވަހީދުގެ އަޑުން ވާހަކަ ދެއްކޭނެ: މުސްތަފާ
ކޮލަށް ކަރުދާސްކޮޅެއް ލައިގެންވެސް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަޑުން ވާހަކަ ދެއްކޭނެ ކަމަށް ކުރީގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްފަތަފާ މިހެން ވިދާޅުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ އޯޑިއޯތަކެއް ލީކުވަމުން ދިއުމާ ގުޅިގެންނެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ އަސްލެއް ކަމަށާއި ހަށިގަނޑުގެ ބައިތަށް ވަކިކޮށްފައި އޮތް ނަމަވެސް އެއީ އަލީ ވަހީދު ކަމަށް ދައްކާނެ ކަމަށެވެ. އަދި އެހެން ސިޔާސީ ލީޑަރުންގެ އަޑުން ވާހަކަ ދެއްކި އަޑުވެސް އަހާފައި ވާކަމަށް މުސްތަފާ ވަނީ ވިދާޅުވެފައެވެ.
"ކޮލަށް ކަރުދާސްކޮޅެއް ލައިގެން ވެސް އަލީ ވަހީދުގެ އަޑުން ވާހަކަ ދެއްކޭނެ. އަހަރެމެން އަޑުއެހިން ރާއްޖޭގެ އެކިއެކި ސިޔާސީ ލީޑަރުންގެ އަޑު އެއްވެސް ތަފާތެއް ނެތް ގޮތަށް ވާހަކަ ދެއްކި އަޑުވެސް." މުސްތަފާ ވިދާޅުވިއެވެ.
ލީކްކު ކޮށްފައިވާ އޯޑިއޯތަކުގައި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއާ ގުޅޭގޮތުން އަލީ ވަހީދު އަޑާ ވައްތަރު މީހަކު ވަރަށް ހުތުރު ވާހަކަ ދެކެވެއެވެ. ނަހުލާ، ބަދުއަހުލާގީ އަމަލަށް ދައުވަތު ދީފައިވާ ކަމަށާ އިތުރު ބަޔަކާއެކު ނަމަވެސް އެކަން ކުރަން ބޭނުންވާ ކަމަށް ބުނާ ވާހަކަ އަޑުއިވިގެން ދެއެވެ. އަދި ނަހުލާއަށް ގުޅައިގެން ތަފާތު ވާހަކަތައް ދައްކާ އަޑުވެސް އިވެއެވެ.
މީގެ އިތުރުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނިސްބަތްކޮށް ވެސް އަލީ ވަހީދު ވަނީ ހުތުބަހުން ވާހަކަ ދައްކަވާފައެވެ.
މި މައްސަލާގައި އަލީ ވަހީދު ވިދާޅުވީ އެއީ އަސްލެއް ނެތް އޯޑިއޯތަކެއް ކަމަށް އެ އޯޑިއޯގެ ވާހަކަތައް ތަހުގީގު ކުރުމުން ހަގީގަތް ރަނގަޅަށް ސާފު ވާނެ ކަމަށެވެ.
ފުލުހުން މިރޭ ބުނީ އެ އޯޑިއޯތަކާއި ގުޅިގެން ރަސްމީކޮށް މައްސަަލަ ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް ޖިނާއީ ކުށުގެ އަމަލެއް ހިމެނޭކަން ފާހަގަ ކުރެވިފައިވާތީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.