149 ފުޅި ބަނގުރަލާއި 25 ބިޔަރު ދަޅު ނައްތައިލައިފި

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
މިތަކެތި ނައްތައިލައިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު ތިނަދޫ ޕޮލިސް ސްޓޭޝަންގައެވެ. ނައްތައިލައިފައި ވަނީ ހަތަރު އިންސިޑެންޓެއްގައި ހިމެނޭ 149 ފުޅި ބަނގުރަލާއި 25 ދަޅު ބިޔަރެވެ.
މި ތަކެއްޗަކީ 2021 އެޕްރީލް 1އިން މި އަހަރުގެ ޖަނަވަރީ 24އަށް ކާޑެއްދޫ އެއާޕޯޓު އަދި މާވާރުލު އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.
ބަނގުރާ ނައްތައިލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތައިލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް ޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.