ބިން ނުހިއްކާ ރައްޔިތުންނަށް ދިރިއުޅެވޭނެ ގޮތް ހަދަންޖެހޭ: އަސްލަމް
ރާއްޖޭގެ ރަށްތަކުގައި ބިން ކުޑަވުމުގެ ސަބަބުން ބިން ނުހިއްކާ ރައްޔިތުންނަށް ބޯހިޔާވަހިކަން ނުވަތަ ރައްޔިތުން ދިރިއުޅެވޭނެ ގޮތް ހަދަންޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރަކު ކުރި ސުވާލަށް ޖަވާބު ދެމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ފަޅުތަރޭގައި ގެ އަޅައިގެން ވިސްނުން ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށާއި އެގޮތުން ރާއްޖޭގައި ބިމުގެ ގޮތުގެ ބަލަން ޖެހޭނީ ފެނުން އެއް މީޓަރު މައްޗަށް އޮންނަ ބައި އެކަނި ނޫން ކަމަށެވެ. ފެނުން އެއް މީޓަރު އަޑިއަށް އޮންނަ ބަޔަކީވެސް ބިން ގޮތުގައި ބަލަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ދެން އިންފްރާސްޓްރަކްޗާ ގާއިމްކުރާނީ ފަޅުމަތީގައިކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އޭރުން ބިން ނުހިއްކާ ރައްޔިތުންނަށް ދިރިއުޅެވޭނެ ކަމަށެވެ. ދުނިޔޭގެ އެހެން ބައްރުތަކުގެ މީހުން ދިރިއުޅެމުން އަންނަނީ އެފަދަ ތަންތަނުގައި ކަމަށާއި އެމީހުން ދިރިއުޅެން ބޭނުން ވަނީވެސް އެފަދަ ތަންތަނުގައި ކަމަށް މިނިސްޓަރު އަސްލަމް ފާހަގަކުރެއްވިއެވެ.
އަސްލަމް ވިދާޅުވީ އެ ވިސްނުމަކީ މިހާރު ގެންގުޅެންވެއްޖެ ވިސްނުމެއް ކަމަށެވެ. އަސްލަމް އެފަދައިން ވާހަކަދައްކަވަމުން ގެންދެވުމުން މަޖިލީހުގެ ރައީށް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ހިޔާތު ކުލަކޮށް ސިފަވާގޮތަށް ކިޔައިދެއްވުމަށެވެ.
އަސްލަމް ވިދާޅުވީ ފަޅުމަތީގައި ހުރިހާ ރަށެއްގައި ގެ އަޅައިގެން ނޫޅެވޭނެ ކަމަށާއި ނަމަވެސް އެކަންވެސް ކުރެވޭނެ ރަށްތައް އެބަހުރި ކަމަށެވެ. އެއް ފަޅެއްގައި ގިނަ ރަށްތަކެއް ބޮޑެތި ފަޅުހުރި ރަށްތައް ރާއްޖޭގައި މަދެއް ނޫންކަން އަސްލަމް ވިދާޅުވިއެވެ.
"ސަރުކާރުން އިންފްރާންސްޓްރަކްޗާގެ ގޮތުގައި ބިނާކޮށްދޭން ޖެހޭނީ މަގުތަކޭ. ފެނާ ނަރުދަމާއެ އަޅާދޭން ޖެހޭނީ. ދެން ހުންނާނީ އެކަން ކުރުމުގައި ހުންނަ ޑިވެލޮޕްމެންޓް ކޮންޓްރޯލް ތަކެކޭ." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.