ޚަބަރު

ގާސިމް މަރާލި ކަމަށް އަދުހަމް އިންކާރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް ކުރިން އިއުތިރާފުވުމަށްފަހު އެކަމަށް ފަހުން ގާސިމްގެ ގާތިލް އަދުހަމް މުހައްމަދު އިންކާރުކޮށްފިއެވެ.

Ads by MWSC

ގާސިމްގެ މަރުގެ މައްސަލާގައި އަދުހަމްގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފަ އެވެ. މި ކުށުގެ އަދަބަކީ މަރުގެ އަދަބެވެ. އަދުހަމްގެ މައްޗަށް މީގެކުރީ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އޭނާ ވަނީ ގާސިމް މަރާލީ އޭނާ ކަމަށް ބުނެފަ އެވެ.

މިއަދުގެ ޝަރީއަތް ފެށުމުގެ ގޮތުން، މި މައްސަލަ ބައްލަވާ ޤާޟީ ވަނީ، ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރަށް، އިބްތިދާޢީ އަޑުއެހުމުގައި އަދުހަމް އިޢުތިރާފްވެފައިވާތީ، އެކަން ކަށަވަރުކުރުމުގެ ގޮތުން ސުވާލުކޮށްފައެވެ. އަދި ދަޢުވާ އިތުރަށް ސާފުކުރުމަށް ބޭނުންވާނަމަ، އެ ފުރުޞަތުވެސް އަދުހަމަށް މިއަދުގެ މަޖިލީހުގައި އޮތްކަމަށް، ޤާޟީ ވަނީ ވިދާޅުވެފައެވެ.

އަދުހަމަށް ދިން ފުރުޞަތުގައި އެންމެ ފުރަތަމަ އެދުނީ ދަޢުވާ ސާފުކޮށްދިނުމަށެވެ. އަދުހަމުގެ އެދުމުގެ މަތިން، ދަޢުލަތުން މިއަދުވެސް ވަނީ އަދުހަމުގެ މައްސަލަށް ކުރާ ދަޢުވާ އިއްވާފައެވެ. ދައުވާ އިއްވުމާއި އެކު، އެ ދަޢުވާ އަށް ޖަވާބުދެމުން އަދުހަމް ބުނީ، މުޅި ދަޢުވާ އަށް އިންކާރު ކުރާ ކަމަށާއި، ޤާޞިމްގެ މަރަކީ އޭނާ އަށް އެނގިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ.

އަދުހަމް ބުނީ އޭނާ ގަސްދުގައި މީހަކު މަރަލާފައި ނުވާނެ ކަމަށާއި މީގެކުރިން ކުށަށް އިއުތިރާފްވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ. އަދުހަމް ބުނީ އޭނާ ކޯޓަށް ގެންނަނީ މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށާއި އެކަން ކުރަނީ ފުލުހުން ކަމަށެވެ. އޭނާ އަށް ހޭވެރިކަންވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާފުއްޓަށް ގެންދިއުމުން ކަމަށްވެސް ބުންޏެވެ. އެވަގުތު ޝަރީއަތުގެ މަޖިލީހުގައި ގާސިމްގެ ވާރިސުންނާއި ފުލުހުން ވެސް ހާޒިރުވެ ތިއްބެވެ.

ގާސިމް މަރާލި ކަމަށް އަދުހަމު މީގެކުރިން ވަނީ ފުލުހުންގެ ތަހުގީގުގައިވެސް އިއުތިރާފްވެފަ އެވެ. އަދި މިމަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހަކަށް ހާޒިރުކުރުމުން އެ ދުވަހުވެސް އަދުހަމް ވަނީ ކުށަށް އިއުތިރާފް ވެފަ އެވެ. އަދުހަމް އެ ދުވަހު ކުށަށް އިއުތިރާފްވީ ދައުލަތާ އެކު އޭނާ އެއްބަސްވުމެއް ހެދުމަށްފަހު އެވެ.

ގާސިމް މަރާލި ކަމަށް އަދުހަމް މީގެކުރިން އިއުތިރާފްވެފައިވާތީ މިއަދުގެ އަޑުއެހުން ތާވަލްކުރީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އަދުހަމްގެ މައްޗަށް ހުކުމް އިއްވައިި، ވާރިސުންގެ ބަސް ހޯދައި، އަދަބު ކަނޑައެޅުމަށެވެ. ނަމަވެސް އަދުހަމް ކުށަށްވީ އިއުތިރާފް އަނބުރާ ގެންގޮސްފައިވާތީ ދައުލަތުން މިއަދު ވަނީ އަދުހަމާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް މިމައްސަލައިގެ ޝަރީއަތް އަލުން ފެށުމަށް އެދިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!