އެންމެ ގިނަ މީހުންނަށް ކަމުދާ ލިސްޓުގެ އެއް ވަނައިގައި ރާއްޖެ
ދުނިޔެމަތީގެ ސުވަރުގެ ކަމަށް ސިފަކުރާ ދިވެހި ރާއްޖެ އަކީ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ މަންޒިލެކެވެ. ހަނީމޫނުތަކަށް ދާން ގަސްތުކުރާ ޖޯޑުތަކުގެ ލިސްޓުގެ އެއް ވަނައެވެ.
އަނެއްކާ ވެސް ރާއްޖެ މިވަނީ އެންމެ މަތީ ފަންތީގެ މަންޒިލްތަކުގެ ލިސްޓުން އެއް ވަނަ ހޯދާފައެވެ. މަޝްހޫރު ޓްރެވަލް ކުންފުނި ކޯއާނީ އިން ކޮންމެ އަހަރަކު ނެރޭ މި ރިޕޯޓުގައި ވޭތުވެދިޔަ ސަތާރަ އަހަރުވެސް މި ލިސްޓުގެ އެއް ވަނައިގައި އޮތީ ރާއްޖެއެވެ.
މި ރިޕޯޓުގައި ރާއްޖޭގެ ފަހަތުން ދެވަނައިގައި އޮތީ މޮރިޝަސް އެވެ. އަދި ތިން ވަނައިގައި ތައިލެންޑް އޮތް އިރު ހަތަރުވަނައިގައި އޮތީ އެކުވެރި ސްރީލަންކާއެވެ. އެހެން އަހަރުތަކާއި ބަލާއިރު މި ރިޕޯޓުގައި މާ ބޮޑު ބަދަލެއް އައިސްފައި ނުވާއިރު މިދިޔަ އަހަރު ހަ ވަނައިގައި އޮތް އިންޑޮނީޝިއާގެ ބާލީ އިން މިވަނީ ފަސް ވަނަ އަށް ޖެހިލާފައެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ އެ ގައުމަށް ކުރިމަތިވި ބިންހެލުންތަކުން އަރައިގަނެވެމުން ދާ ކަމުގެ ހެއްކެކެވެ. މިއީ ދެ އަހަރަށް ފަހު ލިސްޓުގެ ކުރިއަށް ބާލީ ޖެހިލި ފުރަތަމަ ފަހަރެވެ.
ލިސްޓުގެ ގަދަ ދިހައެއްގައި ހިމެނޭ ހަމައެކަނި ޔޫރަޕް ގައުމަކީ އިޓަލީއެވެ. އިޓަލީ ހަވަނައިގައި އޮތްއިރު ލިސްޓުގެ ހަތް ވަނައިގައި އޮތީ އެމެރިކާއެވެ. އޭގެ ފަހަތުން ވިއެޓްނާމް އަދި އެންޓިގުއާ އޮތްއިރު ދިހަވަނައިގައި އޮތީ ސައުތު އެފްރިކާއެވެ.