ކޮވިޑުން ރައްކާތެރިވުމުގެ އައު އުސޫލެއް އެކުލަވައިލައި އާންމުކޮށްފި
ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ، މީހުން ދިރިއުޅޭ ރަށްރަށާއި ރިޒޯޓުތަކުގައި ފިޔަވަޅުތަކެއް އަޅަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުދަ ދުވަހު ވަނީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި ކޮވިޑް-19ގެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި އަމަލު ކުރާނެގޮތުގެ އުސޫލެއް އާންމުކޮށްފައެވެ. އެ އުސޫލުގައި ވަނީ ދިރިއުޅޭ ގޭބިސީން ބޭރުގައި އުޅޭއިރު މާސްކް އެޅުމާއި، އާންމު ޚިދުމަތްތަކާއި ފިހާރަތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައި ބަލި ފެތުރުމުން ރައްކާތެރިވުމާއި، ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމުގެ އިތުރުން, ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގައި ބަލިން ރައްކާތެރިވުމަށް އިންފެކްޝަން ކޮންޓްރޯލްގެ ޚާއްސަ ފިޔަވަޅުތައް އެޅުމަށް އަންގައިފައެވެ.
މީގެ އިތުރުން ގިނަ މީހުން އެއްވެ އުޅޭ ހަރަކާތްތައް މެދުކަނޑައިލުމާއި, ކޮންމެހެން ބާއްވަން ޖެހޭ ކަންކަން ވީހައި ވެސް މަދު މީހުން ބައިވެރިކޮށްގެން، ގައިދުރުކަން ބެހެއްޓުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ބޭއްވުމަށް ވަނީ އަންގައިފައެވެ. އަދި ބައްދަލުވުންތަކާއި މި ފަދަ އެހެނިހެން ހަރަކާތްތައް އޮންލައިންކޮށް ބޭއްވުމަށް ޚިޔާރުކުރުމާއި، ބަލިފެތުރުން ކޮންޓްރޯލުކުރުމުގެ ފިޔަވަޅުތަކާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމާއި, ރަށަށް އަރައިފޭބުމުގައި ބަލިން ރައްކާތެރިވުމުގެ އެންމެހައި ފިޔަވަޅުތައް އެޅުމާއި, ރަށަށް އަރާފައިބާ މީހުން ވީހާ ވެސް މަދުކުރުމަށް ވަނީ އަންގައިފައެވެ.
ރިޒޯޓުތަކުގައި އަޅަން އިލްތިމާސްކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރިޒޯޓަށް މުދަލާއި ތަކެތި ގެންނަ ފަރާތްތަކާ ރިސޯޓްގެ ސްޓާފުންނާ ދިމާނުވާގޮތަށް އިންތިޒާމުތައް ހަމަޖެއްސުމާއި، ޓުއަރިސްޓުން ފިޔަވައި ރަށަށް އަރާފައިބާ މީހުން ވީހައި ވެސް މަދުކުރުން ހިމެނެއެވެ. އަދި ގިނަ ސްޓާފުން އެއްވެގެން ބާއްވާ ހަރަކާތްތައް މެދުކަނޑައިލާން ވަނީ އަންގާފައެވެ.
އާންމު ފަރުދުން އަމަލުކުރަންވީ ގޮތްތަކެއް ވެސް އެޗްޕީއޭއިން ވަނީ އާންމުކޮށްފައެވެ. އެ ގޮތުން ބަލީގެ އަލާމާތެއް ހުރި ނަމަ އެކަހެރިވުމާއި، ވީއެންމެ އަވަހަކަށް ބައްޔަށް ޓެސްޓުކުރުން ހިމެނެއެވެ. އަދި ގެއިން ބޭރުގައި މީހުންނާއި ދިމާވާއިރު ތިން ފޫޓުގެ ދުރުމިނެއް ބެހެއްޓުމާއި، އަތް ދޮވުމުގެ އިތުރުން ގޭތެރޭގައި ވެސް މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.
ކޮވިޑަށް ފައްސިވެއްޖެ ނަމަ އެހެން މީހުންނާ ދިމާނުވާނެހެން އެކަހެރިވުމާއި ރަށްރަށުގެ ކައުންސިލްތަކާއި އެހެނިހެން ވެސް އިދާރާތަކުން އަންގާ އެންގުންތަކަށް ތަބާވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި އުސޫލާއެކު މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެޗްޕީއޭއިން އާންމުކުރި އުސޫލުތައް ވަނީ އުވައިލައިފައެވެ.