ޚަބަރު

މިނިމަމް ވޭޖް ކަނޑައެޅުމަށް މަޖިލީހުގެ ލަފައަކަށް އެދެފި

ދެން އެމްވީ ، ދެން އޮންލައިން

މިނިމަމް ވޭޖު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯއްދެވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވީ މިނިމަމް ވޭޖުގެ ގޮތުގައި އަދަދެއް ކަނޑައެޅުމާ ގުޅޭގޮތުން ލަފައެއް ދެއްވުމަށް މިނިސްޓަރު ފައްޔާޒު އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ރައީސް ވަނީ މިމައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފަ އެވެ.

ނަޝީދު ވިދާޅުވީ މިނިސްޓަރު ފައްޔާޒު މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ފޮނުއްވި ލިޔުންތަކުގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައެޅުމަށް ސަރުކާރަށް ލަފާދިނުމަށް އެކުލަވާލި ސެލެރީ އެންޑް ވޭޖް އެޑްވަޒީ ބޯޑުން އެކުލަވާލާފައިވާ ރިޕޯޓާއި، އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ ރިޕޯޓަކާއި، މިނިމަމް ވޭޖާ ގުޅުންހުރި ފަރާތްތަކާ އެކު މިނިސްޓަރު ބޭއްވި ބައްދަލުވުންތަކުގައި ފާހަގަކުރެވުނު ކަންކަން ހިމަނުއްވާފައިވާ ކަމަށެވެ.

ވަޒީފާ އަދާ ކުރާ މީހަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އަދަދެއް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯއްދެވުމަށް މިނިސްޓަރު ފައްޔާޒު އެދިވަޑައިގެންފައި މިވަނީ މިނިމަމް ވޭޖު މި ހިނގާ ފެބްރުއަރީ މަސް ނިމުމުގެ ކުރިން އިއުލާންކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައި ވަނިކޮށެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖާ ގުޅޭގޮތުން ލިބިފައިވާ ލަފާއާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާނެ އަދަދަކާ އެކު މިމަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ލިބޭނެ އަދަދު އިއުލާންކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ކުރާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ވަޒީފާ އަދާ ކުރާ މީހަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދެވޭނެ އަދަދު ކަނޑައެޅުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް މިހާރު ވަނީ އިސްލާހު ވެސް ހުށަހަޅާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!