ޚަބަރު

ޖަމީލްގެ ރައްދު ނަޝީދަށް: ކުށެއް ނުކުރާކަން އެނގޭނީ ތަހުގީގު ކުރުމުން

ދެން އެމްވީ ، ދެން އޮންލައިން

ބަލަންވީ ތުހުމަތު ކުރެވޭ ފަރާތުގެ ޖަވާބެއް ނޫން ކަމަށާއި ކުށެއް ނުކުރާކަމަށް ކަނޑައެޅޭނީ ކަމާބެހޭ އިދާރާގެ ތަހުގީގަށް ފަހު ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޓީއެމްއޭއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް 13 މިލިއަން ޑޮލަރު ދިން ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ވަނީ ތުހުމަތު ކުރައްވާފައެވެ.

މި ތުހުމަތުތަކަށް ރައްދު ދެއްވަމުން މިއަދުގެ އޮތް މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ޓީއެމްއޭ އިން ވެސް އަދި އެހެން ބަޔަކު ވެސް އެމަނިކުފާނަށް ފައިސާއެއް ނުދެއްވާ ކަމަށާއި އަދި ދެއްވަން ވެސް ނުވެސް އުޅުއްވާނެ ކަމަށާއި އަދި އެކަމާ ބަޔަކު ނުވެސް ވިސްނާނެ ކަމަށެވެ.

"ދެއްވަން އުޅުއްވަބަލަ އެއްވެސް މީހަކު އެއްވެސް އެއްޗެއް. އެކަން ގޮސް ނިމިދާނެ ގޮތް އެބަޔަކަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ރިޝްވަތު ދިނުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ހިފުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ދޭން އުޅޭކަން އެނގި ހުރެ އެކަމާ އަޅާނުލާ ތިބުމަކީ ވެސް މަނާ ކަމެއް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ މި ވާހަކަ ރައްދު ދެއްވައި ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުހުމަތު ރައްދުވާ ފަރާތުގެ ޖަވާބަށް ބަލާ ނަމަ ފަނޑިޔާރުން ވެސް ތިއްބަވާނީ މަގާމުގައި ކަމަށެވެ.

"ޖިނާއީ ކުށެއް ނުކުރާކަން ގާއިމް ވާނީ ކަމާ ގުޅޭ އިދާރާގެ ތަހުގީގަކުން. ގާނޫން ކުރިމަތީގައި އެންމެން ވެސް ހަމަހަަމަ ވާން ޖެހޭ." ޖަމީލް ވިދާޅުވިއެވެ.

އެގޮތުން ނަޝީދު ވަނީ ޓީއެމްއޭގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދުން މުހިއްމު ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ގޮތެއް ނުހޯދިއްޖެނަމަ ވެލާނާ އެއާޕޯޓުގެ ރަންވޭ ހުޅުވުން ލަސްވެ، ޓީއެމްއޭ އަށް ބަދަލު ދިނުން ގާތް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ޓީއެމްއޭ އަށް ޓާމިނަލް ދިނުމާއި އެއްކޮޅަށް ވާހަކަ ދައްކަވާ ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!