ޚަބަރު

އަދުހަމް ތޫނު އެއްޗެއް ބޭނުންކޮށްގެން ގާސިމް މަރާލިކަން ޝަރީޢަތަށް ސާބިތު ކޮށްދޭނަން: ޝަމީމް

ދެން އެމްވީ ، ދެން އޮންލައިން

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އަދުމަހް މުޙައްމަދު މިއަދު އިންކާރު ކުރިނަމަވެސް، ތޫނު އެއްޗެއް ބޭނުންކޮށްގެން އޭނާ ގާސިމް މަރާލިކަން ދައުލަތުން ޝަރީއަތުގައި ސާބިތުކޮށްދޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

އަދުހަމްގެ މައްޗަށް ކޮށްފައިވާ ދައުވާއަށް މިއަދު އޭނާ ކޯޓުގައި އިންކާރު ކުރުމާއި ގުޅިގެން ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއުތިރާފު އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިއުމަކީ މައްސަލައެއް ނޫން ކަމަށާއި މިމައްސަލާގައި ޕީޖީ އޮފީހުން ޝަރީއަތަށް ހެކި ހުށަހަޅައިގެން، ހެކީގެ މައްޗަށް ބިނާކޮށް، އަދުހަމް ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރިކަން ޝަރީއަތަށް ސާބިތު ކޮށްދޭނެ ކަމަށެވެ.

ގާސިމް މަރާލި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ. މިދައުވާއަށް އޭނާ ވަނީ ކުރިން އެއްބަސްވެ، ކަން ހިނގި ގޮތް ވެސް ތަފްސީލުކޮށް ފުލުހުންގެ ތަހުގީގަށް ކިޔައިދީފައެވެ. އަދި ގާސިމްގެ އާއިލާގެ ކިބައިން އޭނާ މާފަށް ވެސް އެދިފައިވެއެވެ.

ދައުވާއަށް އިއުތިރާފުވެއްޖެ ނަމަ އޭނާ އަށް ލުއި ޖަލުގެ ހުކުމެއް އަންނާނެ ގޮތަށް އަދުހަމާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު އިއުތިރާފު އެއްބަސްވުމެއް އޮތީ ހަދައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގާސިމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވެއްޖެ ނަމަ އަދުހަމްގެ މައްޗަށް އަންނާނީ 17 އަހަރުގެ ޖަލު ހުކުމެކެވެ.
ނަމަވެސް މިމައްސަލައާއި ގުޅޭގޮތުން މިއަދު ބޭއްވުނު އަވަސް ނިޔާގެ ޝަރީޢަތުގައި އަދުހަމް ވަނީ އެދައުވާއަށް އިންކާރު ކޮށްފައެވެ. އޭނާ ބުނިގޮތުގައި ގާސިމްގެ މަރަކީ އޭނާ ދެނެހުރިކަމެއް ވެސް ނޫނެވެ. އަދި އެދައުވާއަށް ކުރިން އެއްބަސްކުރުވީ ފުލުހުން އޭނާ މަސްތުގެ ހާލަތުގައި ބަހައްޓައިގެން ކަމަށް ބުނެ އޭނާވަނީ ތުހުމަތު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!