މަސްދަޅުގެ އަގު ބޮޑުވާތީ މިފްކޯ ފުރައިލައިފި

މިފްކޯއިން ވިއްކާ މަސްދަޅުގެ އަގު ބޮޑުވާނެ ކަމަށް އެ ކުންފުނިން އިއުލާންކުރުމާ ގުޅިގެން މިހާރު ވިއްކާ އަގުގައި މަސްދަޅު ގަންނަން ގިނަ ބަޔަކު ކިއުގައި ޖެހިއްޖެއެވެ.
މިފްކޯގެ ދެ އައުޓްލެޓްގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ކިޔޫ ހަދައިގެން މަސްދަޅު ގަންނަން ތިބި މަންޒަރު ދައްކުވައިދޭ ފޮޓޯތައް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މަސްދަޅު ގަންނަން އެއްވެ ތިބި މީހުންގެ ތެރޭގައި ވިޔަފާރިވެރިން ވެސް ހިމެނެއެވެ.
އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މިއަދު ވިދާޅުވީ، މާދަމާއިން ފެށިގެން މަސްވެރިންގެ އަތުން މަސްގަންނާނީ މިހާރު ގަންނަ އަގަށް ވުރެ ބޮޑު އަގެއް ކަމަށާއި އެހެން ކަމުން، މަސްދަޅުގެ އަގު ވެސް ބޮޑުވާނެ ކަމަށެވެ. މަސްދަޅުގެ އަގަށް ގެންނަ ތަފްސީލެއް ފައުޒީ ހިއްސާ ކުރައްވައިފައެއް ނުވެއެވެ.
މާޗު މަހުން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަތުމުގައި އެ ވަގުތަކު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ވަރަށް ބެލުމަށް ރައީސް ޞާލިޙް ވަނީ މިފްކޯއަށް އަންގަވައިފައެވެ. އެ ބަދަލަށް މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނެއެވެ.