މާލެ ރައްޔިތުންނަށް ހިލޭ ގޯތި ދެއްވުން އެދި، މޭޔަރުގެ ސިޓީގެ ރައީސަށް
މާލޭގެ ރައްޔިތުންނަށް އެޗްޑީސީން ދޫކުރަން ނިންމައިފައިވާ 1000 ގޯތި ހިލޭ ދިނުމަށް އެދިވަޑައިގެން، މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުއްވައިފިއެވެ.
ހުޅުމާލެއިން މާލެ ރައްޔިތުންނަށް 1250 އަކަފޫޓުގެ 1000 ގޯތި ދޫކުރަން ނިންމައިފައިވާ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ކަމަށް މީޑިއާއިން ލިބުނު މައުލޫމާތަކީ ހަޤީޤަތެއް ކަމުގައިވާ ނަމަ، ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްގޮތަށް މާލެ ރައްޔިތުންނަށް ހިލޭ ގޯތި ދެއްވުން އެދި ރައީސްއަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ.
މުއިއްޒު މީގެ ކުރިން ވެސް ވަނީ އެހެން ރަށްރަށުގެ ބިންތައް ހިއްކުމަށް ފަހު، އެ ރަށެއްގެ ރައްޔިތުންނަށް ގޯތި ދޭ ފަދައިން، ވެރިރަށް މާލޭގެ ރައްޔިތުންނަށް ވެސް ހިލޭ ގޯތި ލިބެން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބިން ހިއްކުމަށް ޚަރަދުވާ ފައިސާ އަލުން ހޯދުމަށް ވިޔަފާރި މުއާމަލާތްތަކުން ފައިސާ ހޯދުމަށް ވެސް އޭނާ ގޮވާލެއްވިއެވެ.
މާލެ ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް ޞާލިިޙުގެ ރިޔާސީ މުހިންމު ވަޢުދުފުޅެކެވެ. އެމަނިކުފާނު ވަނީ މި ދައުރު ނިމެންވާއިރަށް މާލޭގެ ރައްޔިތުންނަށް ބިން ކަނޑައި، އިން ވަކިކޮށް ގޯތީގެ ފަތް ދެެއްވާނެ ކަަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ވިދާޅުވެފައެވެ.