ކުޅުދުއްފުށީގައި އެސްޓީއޯގެ ފުށް ފެކްޓަރީ ހަދަނީ

އެސްޓީއޯއިން ރާއްޖޭގައި ހެދުމަށް ނިންމައިފައިވާ ފުށް އުފައްދައި، ބަންދުކުރާ ފެކްޓަރީ ހދ. ކުޅުދުއްފުށީގައި ހެދުމަށް ނިންމައިފިއެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު މިއަދު ވިދާޅުވީ އެ ކުންފުނީގެ ގޮދަން ފުށް ކާރުޚާނާ ޤާއިމުކުރުމަށް ކުޅުދުއްފުށި ޚިޔާރުކުރީ އެ ރަށަކީ އުތުރުގެ ވިޔަފާރީގެ މައި ހަބުކަމަށްވެފައި، އެ ސަރަޙައްދަކީ އެ ފަދަ ކާރުޚާނާއެއް ހިންގުމަށް އެންމެ ރަނގަޅު އެއް ސަރަޙައްދަށްވުމުން ކަމަށެވެ.
އަމްރު ވިދާޅުވީ އެކަމުގެ ސަބަބުން ކުޅުދުއްފުއްޓަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަޒީފާ އުފެދިގެންދާނެ ކަމަށާއި އޭގެ އިތުރުން ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.
އަމްރު ވިދާޅުވީ، ގޮދަންފުށް ކާރުޚާނާ ތަރައްޤީކުރުމަށް ބޭނުންވާ ސަރވޭތަކުގެ މަސައްކަތް ނިމި އެކަމަށް ބޭނުންވާ ފަންޑު ވެސް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރައްވާނީ ވީ އެންމެ އަވަހަކަށް އެކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދިޔުން ކަމަށް އަމްރު ވިދާޅުވިއެވެ.