ދީން

ކްރިސްޓިއަނެއްގެ ގޮތުގައި ފެށި ޙަޔާތާއި މުސްލިމެއްގެ ގޮތުގައި ނިމިގެންދިޔަ ރިވެތި ނިމުން!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަހަރެމެން މި ހޭދަކުރާ ޙަޔާތަކީ ވަގުތީ މަންޒިލެކެވެ. އެއީ ދެން ބައްދަލުކުރާން އޮތް ދާއިމީ މަންޒިލްގައި ތިމާ ހޭދަކުރާނެ ތަނެއް ނިންމުމުގެ ފުރުސަތު ލިބިފައި އޮތް އިމްތިހާނުގެ ދުވަސްތަކެކެވެ.

Ads by MWSC

ދާއިމީ މަންޒިލަށް ކުރާ ދަތުރުގައި އަހަރެމެންނަށް އެންމެ ބޮޑަށް ބޭނުން ވަނީ ހެޔޮ ޢަމަލުތަކެކެވެ. ފަހުން ހިތާމަކުރާން ނުޖެހޭ ފަދަ ސާދާ ދިރިއުޅުމެކެވެ. އެމީހެއްގެ ޙަޔާތުގައި ފާފަ ކުރެވުނު ނަމަވެސް އެންމެ މުހިންމީ ނިމުން ރިވެތިވުމެވެ. އެ ފަދަ ނިމުމަކަށް އަދައި އަހަރެމެންގެ ކޮންމެ ދުވަހެއް ހިސާބުކޮށް ހެޔޮ މަގުގައި ސާބިތުވާ ބައެއްކަމުގައި އަޅަމެން ލައްވާށިއެވެ.

މި ހިއްސާކޮށްލަނީ ކްރިސްޓިއަނެއްގެ ގޮތުގައި ދިރިއުޅުމުގެ ބައެއް ހޭދަވި އަދި ފަހުން އިސްލާމްވެ ދީނަށް ނަޞްރުދިން ބަތަލެއްގެ ވާހަކައެވެ. ކާފިރުންގެ ވަކިތަކުގެ ދަށުވެ ޝަހީދުވި އިމާމެއްގެ ޙަޔާތުގެ އުސްއަލިތަކެވެ.

ޕިލިޕީންސަށް އުފަން ނޫޙް ކެބަރީނޯއަކީ ޒުވާން ދުވަސްވަރު ސައުދީ އަރަބިއްޔާގައި މަސައްކަތްކުރި ކްރިސްޓިއަނެކެވެ. އެ ދުވަސްވަރު އޭނާއަށް ﷲ ތަޢާލާގެ ހިދާޔަތު ލިބުނެވެ. އަދި ހަތްއަހަރު ތެރޭގައި ތަފްސީރާ އެކު ޤުރުއާން ހިތުދަސްކުރިއެވެ.

އޭގެ ފަހުން އެނބުރި ގައުމަށް ބަދަލުވެ ދައުވަތުގެ މަސައްކަތުގައި ދުވަސްތައް ހޭދަކުރިއެވެ. އެ މަސައްކަތުގައި އޭނާގެ އަތްދަށުން 70،000 ކްރިސްޓިއަނުން އިސްލާމްވިއެވެ. ނަމަވެސް ކްރިސްޓިއަން ފާދިރީންނާއި އެ ދީނުގެ ބޮޑުންނާ އެކު އޭނާ ބޭއްވި ބަހުސްތަކުގައި ފާދިރީން ބަލިވެ ހުއްޖަތާއި ދަލީލު ދެއްކެއް ނެތި އިސްލާމްދީނަށް ވަންނަ މީހުންގެ ޢަދަދު އިތުރުވެގެން ދިޔުމަކީ ނޫޙުގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވެއްޓުނު ކަމެކެވެ. އެންމެ ފަހުން 2016ވަނަ އަހަރުގައި ނޫޙްގެ ހަށިކޮޅަށް ބަޑި ޖަހައި ޝަހީދުކޮށްލީ އަޞްރު ނަމާދުގައި ސަޖިދައިގައި އޮއްވައެވެ.

މި ރަޙުމް ކުޑަ ޢަމަލު ހިންގި ބައެއް ކަށަވަރު ނުވި ނަމަވެސް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ފިލިޕީންސްގެ ކްރިސްޓިއަން ޖަމާޢަތުން ހިންގި ޢުދުވާނެކެވެ. އަދި ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެކަމުގެ ފަހަތުގައި އޮތީ އެމެރިކާއެވެ.

ނޫޙްގެ ވަކިވެދިޔުމަކީ ޕިލިޕީންސްގެ މުސްލިމު ރައްޔިތުންނަށާއި މުޅި އުއްމަތަށް ލިބިގެން ދިޔަ ހިތާމައެކެވެ. ނަމަވެސް އެއީ ކޮންފަދަ ރިވެތި ނިމުމެއް ހެއްޔެވެ؟ ޝަހީދުވެފައިވާ ނޫޙްގެ މޫނު މަތީން ވެސް ފެނިގެން ދިޔައީ ހިނިތުންވުމެވެ.

ﷲ ތަޢާލާ ، ނޫޙްގެ ދަރަޖަ މަތިވެރި ކުރައްވައި ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށިއެވެ. އަދި އަޅަމެންގެ ޢަމަލުތައް އިޞްލާޙް ކުރައްވައި އަޅަމެންގެ ނިމުން ރިވެތިކުރައްވާށިއެވެ. އާމީން!

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!