މޭޔަރު މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންގެ ގާތަށް

މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު މާލޭގެ މާފަންނު ހުޅަނގު އުތުރު ދާއިރާގެ ރައްޔިތުންގެ ގޭގެއަށް ޒިޔާރަތް ކުރައްވައި، ހާލު ބައްލަވައިފިއެވެ.
މޭޔަރު އިއްޔެ ކުރެއްވި މި ޒިޔާރަތުގައި، މާލެ ސިޓީ ކައުންސިލުގެ މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަރީޝް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ގޭގެއަށް ޒިޔާރަތް ކުރެއްވުމަކީ ކައުންސިލް އިންތިހާބުގައި ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވަޢުދެކެވެ. މި ވަޢުދު ފުއްދެވުމަށް ޓަކައި، މޭޔަރު ގޭގެއަށް ޒިޔާރަތް ކުރައްވަން ފެއްޓެވީ ނިމިގެންދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.
ރައްޔިތުންގެ ޙާލު ބެލުމަށް ގޭގެއަށް ޒިޔާރަތްކުރާނެ ގޮތުގެ ތާވަލެއް ސިޓީ ކައުންސިލުން ވަނީ ހަދައިފައެވެ.
އެގޮތުން، ކޮންމެ ހަފުތާއަކު ވެސް ދެ ދުވަހުން އެއްދުވަހު ގޭގެއަށް ޒިޔާރަތްކުރުމަށް މާލޭ ސިޓީ ކައުންސިލުގެ ހިނގަމުންދާ ދައުރުގައި ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ވަނީ ހިމަނައިފައެވެ.