ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ހުށަހަޅައިފި
ޓެކްސީ ދަތުރުތަކުގެ އަގުތައް ބޮޑުކުރުމަށް އެދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ޑްރައިވަރުން ސިޓީ ފޮނުވައިފިއެވެ.
ޑްރައިވަރުން ފޮނުވި ސިޓީގައި ބުނެފައި ވަނީ މާލެ ސަރަހައްދުގެ ހުރިހާ ޓެކްސީ ސެންޓަރުގެ އިސްވެރިންނާއި، ޓެކްސީ ހިދުމަތުގެ ދާއިރާގެ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މީހުންނާ އެކީގައި މިިދިޔަ މަހު 22 ވަނަ ދުވަހު ހުޅުމާލޭގައި ބައްދަލުވުމެއް ބޭއްވި ކަމަށެވެ.
އަދި އެ ބައްދަލުވުމުގައި 16 ޓެކްސީ ސެންޓަރަކުން ބައިވެރިވެފައިވާ ކަމަށާއި ޕްރައިވެޓް ސެކްޓާއަކުން ޕަބްލިކް ހިދުމަތެއްގެ ގޮތުގައި ދެމުންގެންދާ ޓެކްސީ ހިދުމަތުގައި މީޓަރު ހަރުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށާއި އަގު ކަނޑަ އެޅުމަށް، ހިދުމަތުގައި އުޅޭ ޑްރައިވަރުންނާއި މަޝްވަރާކޮށް، ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުގެ އިހުތިޔާރުގެ ތެރެއަށް ލިބިގެންވާ ކަމަށް ހުރިހާ ޑްރައިވަރުންނާއި ހުރިހާ ޓެކްސީ ސެންޓަރުތަކުން ވެސް ގަބޫލުކުރާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މިނިސްޓްރީން އަމަލުކުރާ ގޮތުގެ ސަބަބުން ޑްރައިވަރުން މިނިސްޓްރީއާ މެދު ގިނަ ތުހުމަތުތަކެއް ކުރާ ކަމަށާއި އެ ދާއިރާގައި ގިނަ ގޮންޖެހުންތަކެއް ހުރިއިރު ޑްރައިވަރުންގެ ހައްގުތައް ވެސް ގެއްލިފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
ފަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޓެކްސީ ސެންޓަރުތަކާ މިނިސްޓަރާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް ޑްރައިވަރުންގެ ފަރާތުން ހުށަހަޅައިފައިވެއެވެ. އަދި ފަސް ދުވަހުގެ ތެރޭގައި އެ ސިޓީއަށް ޖަވާބެއް ނުދެއްވައިފި ނަމަ މިނިސްޓަރާ ބައްދަލުކުރަން ހުރިހާ ސެންޓަރުތަކުން މިނިސްޓްރީއަށް ދާނެކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.
ޓެކްސީ ސެންޓަރުތަކުން ޚިދުމަތަށް ގެންނަން ނިންމި ބަދަލު:
- މާލެ ސިޓީގެ އެތެރޭގެ ދަތުރެއް، 30 ރުފިޔާއަށް
- ހުޅުމާލެ ފޭސް1 އަދި 2ގެ އެތެރޭގެ ދަތުރެއް، 25 ރުފިޔާއަށް
- މާލެއިން ހުޅުމާލެއަށް، އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރެއް، 100 ރުފިޔާއަށް
- މާލެ، ހުޅުމާލެއިން އެއާޕޯޓަށް، އަދި އެއާޕޯޓުން މާލެ، ހުޅުމާލެއަށް 80 ރުފިޔާއަށް
- ހުޅުމާލެ ފޭސް2އިން މާލެއަށް، އަދި މާލެއިން ފޭސް2އަށް 120 ރުފިޔާއަށް
- މާލެ، އަދި ހުޅުމާލެއިން ސީޕްލޭން ޓާމިނަލްއަށް، 100 ރުފިޔާއަށް
- ހުޅުމާލެ ފޭސް2 އިން ސީޕްލޭން ޓާމިނަލްއަށް، 120 ރުފިޔާއަށް
- ހުޅުމާލެ ފޭސް 1 އިން ފޭސް 2އަށް 40 ރުފިޔާއަށް
މީގެ އިތުރުން ރޭގަނޑު 12:00އިން ހެނދުނު 06:00 ކުރާ ދަތުރުތަކަށް އިތުރު ފީއެއްގެ ގޮތުގައި ފަސް ރުފިޔާ ނެގުމަށް ނިންމި އިރު، ކުއްޔަށް ނަގައިގެން ކުރާ ދަތުރުތަކަށް ގަޑިއިރަކަށް 250 ރުފިޔާ ނެގުމަށް ވެސް ވަނީ ނިންމައިފައެވެ.