ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022: މާމެންދޫއަށް ތާރީޚީ ކާމިޔާބީއެއް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމުގައިވާ " ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022" ގައި، ގއ. އަތޮޅުގެ ޗެމްޕިއަންކަން ގއ. މާމެންދޫގެ ޓީމުން ހޯދައި، މުޅި ރަށަށް އުފާވެރިކަން ގެނެސްދީފިއެވެ.
މާމެންދޫގެ ތާރީޚްގައި ކުޅިވަރުން މިހައި ބޮޑު ކާމިޔާއެއް ލިބުމުން، ރަށުގެ ކުދިބޮޑު އެންމެން ވަނީ ޓީމަށް މަރުޙަބާ ކިޔުމަށް ޓަކައި ރަށުގެ ބަނދަރު ސަރަހަށްދަށް މިއަދު ހެނދުނު އެއްވެފައެވެ.
ރަށަށް މިވަރުގެ ބޮޑު ކާމިޔާބީއެއް ލިބުމުން މިކަމުގެ އުފަލުގައި މިއަދު ހަވީރު، ޕިކަޕް ބުރެއް ވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ. އަދި ޓީމްގެ ފަރާތުން ޒުވާނުންނާ އެކު "ގެޓް ޓުގެދަރ" އެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ގއ.ގެ ޗެމްޕިއަންކަން ހޯދި، މާމެންދޫގެ ޓީމު--
މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މާމެންދޫ މުޅިން އަލަށް ބައިވެރިވި ފަހަރެވެ. އެ ރަށުގެ ޒުވާން ޓީމުން މި ހޯދައިދިން ކާމިޔާބީގައި މުޅި މާމެންދޫގެ ކުދިބޮޑު އެންމެންގެ ގިނަގުނަ އެހީތެރިކަން ލިބިފައިވާކަން ޓީމުން ފާހަގަކުރެއެވެ.
މުބާރާތުގައި ގއ.ގެ މެޗުތައް ދެ ގްރޫޕަކަށް ބަހައިލައިގެން ކުރިއަށް ގެންގޮސްފައިވާއިރު، މުބާރާތުގެ ފައިނަލްގައި މާމެންދޫން ނުކުތީ ގއ.ކޮނޑޭއާ ދެކޮޅަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 ނަތީޖާއިން އެއްވަރު ވެފައި އޮތުމުން، ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެފަރާތުން ވެސް ގިނަ ހަމަލާތަކެއް އުފެެއްދިއެވެ.
މެޗުގެ ފުރަތަމަ ލަނޑު، ދެވަނަ ހާފުގައި ފެނުނީ ކޮނޑޭގެ ފަރާތުންނެވެ. މި ލަނޑާއެކު އެޓީމަށް ތަށި ނެގިދާނެހެން ހީވި ނަމަވެސް، މާމެންދޫ ޓީމުން ކުރި ހިތްވަރާ އެކު މެޗުގެ ފަހު ވަގުތުކޮޅުގައި އެޓީމަށް ވަނީ ނަތީޖާ އެއްވަރު ކުރެވިފައެވެ. ނަމަވެސް، ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
މާމެންދޫން ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. ކޮނޑޭން ނާކާމިޔާބު ކޮށްލީ އެޓީމުގެ ހަތަރުވަނަ ޕެނަލްޓީއެވެ. ކޮނޑޭގެ އެ ޕެނަލްޓީ ހުރަސްދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
ގއ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ، މާމެންދޫ ޓީމުގައި މޮޅަށް ކުޅުނު، ރައުހާން ރިފްއަތެވެ.