ސައްހަނޫން ޑޮލަރު ވިއްކާތީ ސަމާލުވާން އެދިއްޖެ
ސައްހަ ނޫން ޑޮލަރުތަކެއް ވިއްކަމުންދާތީ ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބަރ ކޮމިއުނިޓީ އަދި ޝޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޑޮލަރު ވިއްކާކަމަށް އިޝްތިހާރުކޮށްގެން ސައްހަ ނޫން ޑޮލަރު ވިއްކަމުންދާ ކަމުގެ މައްސަލަތަކެއް ފުލުހުންނަށް ހުށަހެޅި ތަހުގީގުކުރަމުންދާ ކަމަށެވެ.
އެގޮތުން މަނީ އެކްސްޗޭންޖް ވައިބަރ ކޮމިއުނިޓީގައި ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަށް ފަހު، ޑޮލަރު ގަންނަން ބޭނުންވާ މީހާއާ ވަކިން ވާހަކަ ދައްކައި ވިއްކާ މީހުން ބުނާ ތަނަކަށް މީހާ ގެންދާ ކަމަށާއި އެގޮތަށް ގެންދިއުމުގައި، މީހުން މަދު ނުވަތަ މީހުން އާންމުކޮށް ނޫޅޭ ސަރަހައްދުތަކަށް ދިއުމަށް ދައުވަތުދޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ޔޫއެސް ޑޮލަރު ގަންނަން ބޭނުންވާ މީހާ ދިވެހި ފައިސާ ދިނުމުން ކައުންޓަރފީޓް ޔޫއެސް ޑޮލަރު ދެމުންދާ މައްސަލަތައް ހުށަހަޅަމުންދާ ކަމަށެވެ.
ފުލުހުން ވަނީ ބޭރުފައިސާ އެކްސްޗޭންޖް ކުރުމުގެ ހުއްދަ އޮތް ފަރާތްތައް މެދުވެރިކޮށް ނޫނީ މިފަދަ މުއާމަލާތުތައް ނުހިންގުމަށާއި މަނީ އެކްސްޗޭންޖް ކުރުމަށް ފަހު ދޭ ފައިސާއަކީ ސައްހަ ފައިސާކަން ކަށަވަރު ކުރުމަށް ފަހު ނޫނީ މިފަދަ މުއާމަލާތުތައް ނުހިންގުމަށް އިލްތިމާސްކޮށްފައެވެ.