އުމްރާއަށްދާ މީހުންނަށް ފަސޭހައިން ޕާސްޕޯޓަށް ހުށަހެޅޭނެ ގޮތް ހަމަޖައްސައިދީފި

ރާއްޖެއިން އުމްރާއަށްދާ މީހުންނަށް ފަސޭހައިން ޕާސްޕޯޓަށް ހުށަހެޅޭނެ އިންތިޒާމެއް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ މި އަހަރުގެ ރަމަޟާން މަހު އުމްރާއަށް ދިއުމަށް ގިނަ ބަޔަކު ޕާސްޕޯޓް ހަދަން ހުށަހަޅައިފައިވާ ކަމަށާއި އެހެންކަމުން އެމީހުންނަށް ފަސޭހަކޮށްދިނުމަށް ރޯދަ މަސް ނިމެންދެން ފަސޭހަކަމާ އެކު ޕާސްޕޯޓު ހެދޭނެ ހާއްސަ އިންތިޒާމެއް ހަމަޖައްސައިފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އުމްރާއަށް ދާ މީހުން، ޕާސްޕޯޓަށް އެދޭ ފޯމު ހުށަހެޅުމަށް ފަހު، ރަސްމީ މަސައްކަތު ގަޑީގައި އެ ކަމަށް ހާއްސަކޮށްފައިވާ ނަމްބަރު، 9199165އަށް ގުޅުމުން އެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.
ދަތުރުފަތުރު ކުރުމުގައި މިހާރު ލުއިތައް ދީފައިވުމާއި، ސްކޫލްތަކުގެ މިޑް-ޓާމް ބްރޭކް ދުވަސްވަރާ ވެސް ދިމާކޮށް އެކި ޤައުމުތަކަށް ދަތުރުކުރުމަށް ޓަކައި މި ދުވަސްކޮޅު ވަރަށް ގިނަ ބަޔަކު ޕާސްޕޯޓު ހައްދަން އެދެމުންދާ ކަމަށް އިމިގްރޭޝަންގެ މީޑިއާ އޮފިޝަލު މިފްތާހު މުހައްމަދު ވިދާޅުވިއެވެ. ޕާސްޕޯޓު ދޫކުރުމުގައި ލަސްތަކެއް އުޅެނީ އެ ސަބަބާ ހެދި ކަމަށް ވެސް މިފްތާހް ވިދާޅުވިއެވެ.