ޚަބަރު

ތިނަދޫން މީހުން ބޭލި މައްސަލައިގެ ފުރަތަމަ އަޑުއެހުން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

1962ވަނަ އަހަރު ގދ.ތިނަދޫން މީހުން ބޭލި ހާދިސާގައި އެ ރަށުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ، އެމީހުންގެ އެތަކެއް އަސާސީ ހައްގުތަކެއް ގެއްލުވާލިކަމަށް ބުނެ އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފައިވާ މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށައިފިއެވެ.

Ads by STELCO

އަޑުއެހުންތައް ބާއްވަން ހަމަޖެހިފައި ވަނީ ހެނދުނު 9:00އިން 12:00އަށް އަދި މެންދުރު 2:30އިން ހަވީރު 6:00 އަށެވެ. މި އަޑުއެހުންތަކުގައި އާންމުންނަށް ބައިވެރި ވެވޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މިމައްސަލައިގެ އަޑުއެހުންތައް މާލޭގެ އިތުރުން ތިނަދޫގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދުން ފެށިގެން މިމަހުގެ 22އަށް މިއަޑުއެހުންތައް ކުރިއަށް ގެންދާނީ ތިނަދޫގައެވެ. އަދި އޭގެފަހުން މިމަހުގެ 27ގައި އިތުރު އަޑުއެހުމެއް މާލޭގައި ވެސް ބާއްވާނެކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ވިދާޅުވިއެވެ.

ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ ފެބުރުއަރީ 4، 1962ގައެވެ. ތިނަދޫން މީހުން ބޭލުމާ ގުޅިގެން އެރަށު މީހުން ރަށުން ފައިބައިގެން ދިޔައީ އެއަތޮޅުގެ މީހުން އުޅޭ ބައެއް ރަށްރަށާއި މީހުން ނޫޅޭ ބައެއް ރަށްރަށަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!