އެމްޕީ ސައީދު ހައްޔަރުކޮށްފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު މާލޭގައި ހިނގަމުންދާ "ނޭވާހޮޅިއަށް" ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހައްޔަރުކޮށްފިއެވެ.
ސައީދުގެ އިތުރުން ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝްގެ އިތުރުން ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ވަނީ ހައްޔަރުކޮށްފައެވެ.
"ނޭވާހޮޅިއަށް" އިހުތިޖާޖު ފެށުނީ 16:00 ގައެވެ. ނަމަވެސް މިހަރަކާތް ފެށުމުގެ ދެގަޑިއިރުގެ ކުރިން ގިނަ އަދަދެއްގެ ފުލުހުން ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް އެއްވެ އެ ސަރަހައްދަށް ނުވަދެވޭނެހެން މަގުތައް ވަނީ ބަންދުކޮށްފައެވެ.
މި އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން ވަނީ އިއްޔެ އަންގައިފައެވެ. ފުލުހުން ވިދާޅުވީ މި އެއްވުމަކީ ސުލްހަވެރިކަމާ އެކު ، އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ބާއްވާ އެއްވުމަކަށް ނުވާތީ މި އެއްވުން ނުބޭއްވުމަށް އިދިކޮޅު ފަރާތްތަކަށް އަންގައިފައިވާ ކަމަށެވެ. މި އެއްވުމުގައި އެއްވެސް ފަރާތަކުން ބައިވެރި ނުވުމަށް ވެސް ފުލުހުން އިލްތިމާސް ކުރައްވައިފައިވެއެވެ.
ފުލުހުން މިގޮތަށް އަންގައިފައިވީ ނަމަވެސް މި ހަރަކާތް ނުހުއްޓުވޭނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
