މުޒާހަރާގެ ތެރެއިން 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

އިދިކޮޅުން މިއަދު ހަވީރު ކުރިއަށް ގެންދިޔަ "ނޭވާ ހޮޅިއަށް" އެއްވުމުގެ ތެރެއިން 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެމީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން "ނޭވާހޮޅިއަށް" ނަމުގައި ބޭއްވި މި ހަރަކާތުގެ ތެރެއިން ހައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ކުރިން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝްގެ އިތުރުން ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނެއެވެ.
އިދިކޮޅު ކޯލިޝަނުން މި އެއްވުން ބާއްވަން ނިއްމީ މިއަދު ހަވީރު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އޮފީސް ހިމެނޭ ސަރަހައްދުގައެވެ. އެހެން ނަމަވެސް މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދު ބަންދުކޮށް، މުޒާހަރާ ހުއްޓުވައިފައެވެ.
ޕީޕީއެމުން ވިދާޅުވީ މުޒާހަރާގެ ބައިވެރިންނަށް ފުލުހުންގެ ފަރާތުން އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށެވެ.
