42 ކިލޯ ޑްރަގް ކޭސް: އިސްމީހާ ހައްޔަރުކޮށްފި

ފުލުހުން ރޭ އަތުލައިގަތް 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އިސްމީހާކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މައްސަލައިގެ ''ކީ ސަސްޕެކްޓް'' ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަސްތުވާތަކެތި އަތުލައިގަތް ގެއަށް ކޯޓު އަމުރަކާ އެކު ފުލުހުން ވަނީ ރޭ ދަންވަރު 3:00 ޖަހާކަންހާއިރުއެވެ. ފުލުހުންގެ ބެލުމުގެ ދަށުން ތަން ދޫކޮށްލީ ހެނދުނު 7:30 ކަންހާއިރެވެ.
ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިއްޔެއިން ފެށިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް އެންޑް ކައުންޓާ ނާކޮޓިސް އިންޓެލިޖެންސްއިން މާލޭގައި ސާޗު އޮޕަރޭޝަނެއް ފަށައިފައިވާ ކަމަށެވެ.
އަދި މާފަންނު ގެއެއްގެ ތެރޭގައި ވަޅުލައިފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނީ އެ އޮޕަރޭޝަންގެ ތެރެއިން ކަމަށް ހަމީދު ވިދާޅުވިއެވެ. ހަމީދު ވިދާޅުވީ ފުލުހުން ހޯދައިފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ކަމަށެވެ.