ޚަބަރު ރައްޔިތުންގެ މަޖިލިސް

މާލޭގައި ފުޓްސެލް ދެ ދަނޑު އެޅުމަށް ބޭނުންވާ ބަޖެޓު ދޭން އެދިއްޖެ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު--

މާލޭގައި ފުޓްސެލް ދެ ދަނޑު އެޅުމަށް ބޭނުންވާ ބަޖެޓު، މާލެ ސިޓީ ކައުންސިލަށް ދިނުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ލިޔުމުން ޖަވާބު ހޯއްދެވުމަށް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

އީވާ ސުވާލު ކުރައްވައިފައި ވަނީ މާލޭގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ގަލޮޅު ސިނަމާލެ ފްލެޓް ކައިރި ފުޓްސެލް ދަނޑުގެ މަސައްކަތުގެ ފައިސާ ދޫކުރުމަށް މިދިޔަ ޑިސެމްބަރުމަހުގެ 20ވަނަ ދުވަހު، ޔޫތު މިނިސްޓްރީއާ މާލެ ސިޓީ ކައުންސިލުގެ އިދާރާއާ ދެމެދު ވެފައިވާ އެއްބަސްވުމުގައި ސޮއިކުރިތާ 20 ދުވަހުގެ ތެރޭގައި އެ ފައިސާ މާލެ ސިޓީ ކައުންސިލަށް ޖަމާ ކުރުމަށް، ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެ ކަމަށް ބަޔާންކޮށްފައިވާ އިރު، އެ ފައިސާ ފޮނުވާފައިވޭތޯއެވެ.

މި މަޝްރޫއުއަށް މިއަހަރުގެ ބަޖެޓުގައި 150،000 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

މަހުލޫފުގެ ޖަވާބުގައި ވިދާޅުވީ، މާލެ، ގަލޮޅު އަދި ތައިސޭކޮށީގައި ފުޓްސެލް ދަނޑު ގާއިމު ކުރުމުގެ މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކޮށް މި ދެ ފުޓްސެލް ދަނޑު ތަަރައްގީ ކުރުމަށް ބޭނުންވާ އަގު ކަމަށް ސިޓީ ކައުންސިލުން ހުށަހެޅި ދެ މިލިއަން ހަތް ލައްކަ އަށްޑިހަހާސް ދުއިސައްތަ ނުވަދިހަ ތިން ރުފިޔާ ފަންސާސް ލާރި، މާލެ ސިޓީ ކައުންސިލަށް ޖަމާކުރުމަށް ޔޫތު މިނިސްޓްރީއާއި ކައުންސިލާ ދެމެދު އެއްބަސްވެފައިވާއިރު، މިދިޔަ ޑިސެމްބަރުމަހުގެ 3 ވަނަ ދުވަހު އެފައިސާ ޖަމާ ކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދިފައިވާނެ ކަމަށެވެ.

"ނަމަވެސް ޕޯސްޓް ކުރުމުގައި ދިމާވި މައްސަލައަަކާ ގުޅިގެން، މި ފައިސާ ވަނީ 2021ވަނަ އަހަރުގެ ބަޖެޓުން ދެއްކޭގޮތް ނުވެފައެވެ. އަދި 2022ވަނަ އަހަރުގެ ބަޖެޓުން މި މަސަައްްކަތުގެ ފައިސާ ސިޓީ ކައުންސިލަށް ޖަމާކުރުމަށް މިމަހުގެ 10ވަނަ ދުވަހު ފިނޭންސް މިނިސްޓްރީއަށް ޕޯސްޓް ކުރެވިފައި." މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ރާވައިފައިވާ ގިނަ މަޝްރޫއުތަކަށް ބަޖެޓު ނުލިބޭ ކަމަށް އެކައުންސިލުން ފާހަގަކުރެއެެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!