ރިޕޯޓް

ކޮތަރު ކޮއްޓަށް ވުރެ މޮޅެތި ފްލެޓުތަކަށް މިވީ ކިހިނެއް؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފްލެޓުތަކާ މެދު ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. މިހާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ހާއްސަކޮށް މި ދަންނަވާ މޭރުމުން އަޑު ހަރުކޮށް ވާހަކަ ދެއްކެވިއެވެ. އެ ބޭފުޅުން ވިދާޅުވީ ހިޔާ ފްލެޓުތަކަކީ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށެވެ. އެވަރުން ނުވެގެން އެ ތަންތަނަކީ ކޮތަރު ކޮށިތަކެއްގެ ގޮތުގައި ވެސް ސިފަ ކުރިއެވެ. ހައުސިންގ މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަސްލަމް ވެސް އެކި ފޯރަމްތަކުގައި މި މޭރުމުން ވާހަކަފުޅު ދެއްކެވިއެވެ.

މިސަރުކާރުން ވެރިކަމާ ހަވާލުވި އިރު ފިނިޝިންގ މަސައްކަތްތައް ކުރިއަށްދިޔަ ހިޔާ ފްލެޓުތައް ތަޅައިލާން ވެސް ސަރުކާރުން ވިސްނިއެވެ. މިވާހަކަތައް ތިލަ ކުރައްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އޭނާއަށް އެކަނި ވެގެންވާ ނަމަ 25 ބުރީގެ އެ އިމާރާތްތައް ބިމާ ހަމަކުރެއްވީސް ކަމަށެވެ.

ސަރުކާރުން ދެން ރައްޔިތުންނަށް ދޭން ފެށީ އަލިގަދަ އުއްމީދުތަކެކެވެ. ހިޔާ ފްލެޓަށް ވުރެ ތަނަވަސް ފްލެޓުތަކެއް އެއަށް ވުރެ ކުޑަ އަގެއްގައި މިސަރުކާރުން ދޭނެކަމުގެ އުއްމީދެވެ. ތިން ކޮޓަރިއާއި ދެ ކޮޓަރީގެ 15،000އެއްހައި ފްލެޓު މާލެ ސަރަހައްދުގައި އެކަނި ވެސް ތަރައްގީކުރާނެކަމުގެ އުއްމީދެވެ. އަދި ކޮބައިހެއްޔެވެ؟ މާލެ ރައްޔިތުންނަށް މި ސަރަހައްދުން 4،000އެއްހައި ގޯތި ވެސް ކަނޑައިފައި މުޅިން ހިލޭ ދޭނެކަމުގެ އުއްމީދެވެ.

ބޯހިޔާވަހިކަމަކީ ޝައްކެއް ވެސް ނެތް ގޮތުގައި މި ވަގުތު މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލައެވެ. ހަމައެކަނި މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންނަށް އެކަންޏެއް ނޫނެވެ. މާލޭގެ ރަށްވެހިން ވެސް ދިރިއުޅެނީ ކުދިކުދި ފޮށިގަނޑުތަކުގައެވެ. ސަރުކާރުން ނަންދިން ކޮތަރު ކޮށިތަކަށް ވުރެ މާ ކުދިކުދި ހާލިތަކުގައެވެ. މި ރައްޔިތުންގެ ދިރިއުޅުމުގެ 90އިންސައްތަ މައްސަލަތައް އަގުހެޔޮ ބޯހިޔާވަހިކަމަކާ އެކު ނެތިގެންދާނެއެވެ.

މާލެ ސަރަހައްދުގައި މިހާރު ވެސް ފްލެޓުތައް ވިއްކަން އެބަހުއްޓެވެ. އެކަމަކު އަތުގައި ބޮޑު ލާރި ފޮއްޗެއް ނެތެވެ. މިލިއަނުން ގަނޑުކޮށް ފައިސާ ދައްކައިފައި މަތީ ފަންތީގެ ފްލެޓެއް ގަންނާނެހައި ފެންވަރެއް ގިނަ ރައްޔިތުންގެ ނެތެވެ. މި ދަންނަވާ ފްލެޓުތަކަކީ ލަގްޝަރީ ތަންތަނެވެ. މިފަންތީގެ ފްލެޓުތަކުން ރައްޔިތުންގެ އޮތް ކަންބޮޑުވުން ނައްތައެއް ނުލެވޭނެއެވެ. ބޭނުން ވަނީ އަތްފޯރާފަށުގައި ކުއްޔަށް ދެވޭނެ ސޯޝަލް ހައުސިންގެ ފްލެޓުތަކެކެވެ. ނުވަތަ ގޯއްޗެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ހިއްކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ މަގްސަދުގައެވެ. އެހެން ނަމަވެސް ސަރުކާރުން ދާދި ފަހުން ވަނީ ހުޅުމާލޭގެ ހޭޅިފަށުންނާއި، ގޮނޑުދޮށުން ބިން ވިއްކަން އިއުލާންކޮށްފައެވެ. ބިޑު އުސޫލުން ދޫކުރާ އެ ތަންތަނުގެ އަގު 4 މިލިއަނަށް ވެސް އަރައެވެ. އެ އަގުގައި އާދައިގެ ރައްޔިތަކަށް ގޯއްޗެއް ނުގަނެވޭނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 4 ރިޔާސީ ބަޔާނެއް އިއްވަވައިފިއެވެ. ކޮންމެ ފަހަރަކު ވެސް ވިދާޅުވަނީ މާލެ ރައްޔިތުންނަށް ގޯތި ދޫކުރައްވާނެ ކަމަށެވެ. އަތޮޅުތެރޭގެ ރައްޔިތުންނަށް ހެޔޮ އަގުގައި ފްލެޓުތައް ދެއްވާނެ ކަމަށެވެ. ފެންވަރު ރަނގަޅު ބޮޑެތި ތަންތަން ހިޔާއަށް ވުރެ ކުޑަ އަގެއްގައި ދޫކުރެއްވޭނެ ކަމަށެވެ. ހުޅުމާލެއާއި ގުޅިފަޅު ވެސް އާބާދު ކުރާނެ ކަމަށެވެ. ޖެހިގެން އޮތް ފަޅު ވިއްކައި އެ ތަން ވެސް އާބާދުކުރާނެ ކަމަށެވެ. އަދި މިދަންނަވާ ރަށްތައް މާލެ ސިޓީއާއި ބްރިޖަކުން ގުޅައިލައިއި ހިދުމަތްތައް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.

ސަރުކާރަށް 4 އަހަރު ވާން އޮތީ ކުޑަ ދުވަސްކޮޅެކެވެ. މިއިން އެއްވެސް ކަމެއް ހަގީގަތަކަށް ނުވިއެވެ. އަދިވެސް މާލެ އޮތީ ކުރިން ވެސް އޮތް ހާލުގައެވެ. މާލެ ސަރަހައްދުގެ ކުއްޔަށް ކުޑަވެސް ބަދަލެއް އައީ އެއްކަލަ ކޮތަރުކޮށިތަކުގައި މީހުން އާބާދުވާން ފެށުމުންނެވެ. ދާދި ފަހުން ހައުސިންގ މިނިސްޓަރު މަޖިލީހަށް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވާ ގޮތުން މި ސަރުކާރުގެ 5 އަހަރު ނިމޭއިރު ވެސް، އެއްވެސް ފްލެޓެއް ރައްޔިތުންނަކަށް ނުދެވޭނެއެވެ. ގޯތި ކަނޑައިފައި ދިނުމަށް މަސްތަކެއް ހޭދަވާނެއެވެ. އެހެންކަމުން ބެލެވޭގޮތުގައި މާލެ ރައްޔިތުންނަށް ގޯތި ދޫކުރާނީ އަންނަ 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ކެމްޕެއިން ޓިކެޓެއްގެ ގޮތުގައެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު "ސްލޯ"ކަމުގެ ވާހަކަ ރައްޔިތުން އަބަދުމެ ދައްކާ ވާހަކައެކެވެ. އެއީ ފްލެޓެއް އެޅުންކަމުގައި ވީނަމަވެސް، ސަލްމާން މިސްކިތް ހުޅުވުންކަމުގައި ވިޔަސް އަދި ޓާޝަރީ ހޮސްޕިޓަލުތައް ތަރައްގީކުރުން ކަމުގައި ވިޔަސް ދުވެލި އޮތީ އެއް ހާލެއްގައެވެ. އަނެއްކޮޅުން ކޮންމެ ކަމެއް ވެސް ކުރަނީ ކަމަކަށް ކަމެއް ކުރާ އުޞޫލުންނެވެ. އިންޓަނެޓުގެ އަގު ހެޔޮކުރުމަށް ސަރުކާރުންވި ވައުދަށް ނިކަން ބައްލަވާށެވެ. އަގު ހެޔޮކުރީ ހަމަ ނަމެއްގައެވެ. އަދިވެސް މިސަރަހައްދުގައި އެންމެ ބޮޑު އަގުގައި އިންޓަނެޓު ފޯރުކޮށްދޭ ގައުމަކީ ރާއްޖެއެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ވާހަކަ ނުދައްކަމާ ހިނގާށެވެ. ކަން އޮތްގޮތް ސިއްރުވެފައި އޮންނާނެ އެއްވެސް ރައްޔިތަކު ހުންނާނެހެން ހިއެއް ނުވެއެވެ. ކުރުކޮށް ދަންނަވާ ނަމަ މަހުލޫފު އަދިވެސް ހުންނެވީ މިނިސްޓަރުކަމުގައެވެ. ވެންޓިލޭޓަރުތައް އަދިވެސް ނުލިބެއެވެ. ފައިސާއަށް ވީ ގޮތެއް ވެސް ނޭނގެއެވެ. ކަން މިހައި ހިސާބުގައި އޮތްއިރު، އެމްޑީޕީގެ އެތެރެއިން ވެސް ސަރުކާރަށް އޮތް އުއްމީދު ކަނޑައިލައިފިއެވެ. މިހާރު ދައްކަނީ ރައްޔިތުންނަށް ކަމެއް ނުކޮށްދެވޭ ވާހަކައެވެ. ރައްޔިތުންގެ އުއްމީދުތައް ވިއްސި ވިހާލިވެއްޖެކަމުގެ ވާހަކައެވެ. 2023ގައި ވެރިކަމަށް އިސްކުރަންވާނީ ފްލެޓު އެޅޭނެ، އަދި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ވެސް ހިންގޭނެ ސްލޯ ނޫން ސަރުކާރެއް ކަމުގެ ވާހަކައެވެ.

  1. ޑިމޮކްރަސީ

    ގަޑުވަރު ތަކުގަ އުޅުއްވާ ބޭފުޅުންނަށް ހިޔާ ފްލެޓްތައްވާނީ ކޮތަރު ކޮށި ތަަކަކަކަށް ބޯހިޔާވަހިކަމެއްނެތް ނިކަމެތި ރައްޔިތު މީހާ އަސް މިސަރުކާރުން ކީ ކޮތަރު ކޮށިތައްވާނީ ހަނަ ގަޑުވަރަކަށް މައްސަލއަކީ ކޮތަރު ކޮށި ތަކެއް ނިމިދިޔަ ސަރުކާރުން ދޭންނިންމާފަ އޮތް އަގަށްވުރެވެސް ބޮޑު އަގެއްގަ ކުއްޔަށް ދީގެންވެސް މިސަރުކާރަށް ދެކޮޅު ނުޖެހިގެން އުޅޭތީ ދެން ކިހިާ ވަރެއްގެ ކުއްޔެއް ނަގައިގެންބާ ފަރުޖެހޭނީ ތިކިޔާވިނަރެސް ފްލެޓަކުންވެސް ފަޤީރުކޮއެ މުއްސަދި ވީމަ ހަދާނެއްނުހުންނާނެ ފަޤީރުކަމުގަ އުޅުނު ގޮތެއް އެއީ މިހާރު ފެންނަމުންދާ މަންޒަރަކީ