ޚަބަރު

ރަމަޟާން މަހު ވެމްކޯއިން ކުނި ނަގާ ގަޑިތައް އިއުލާންކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ވެމްކޯ މުވައްޒަފުންތަކެއް ކުނި ނަގަނީ

މި ފެށޭ ބަރަކާތްތެރި ރަމަޟާން މަހު ގޭބިސީތަކުން ކުނި ނަގާނެ ގަޑިތައް ވެމްކޯއިން މިއަދު އިއުލާން ކޮށްފިއެވެ.

Ads by MWSC

އެގޮތުން އެ ކުންފުނިން ބުނީ، މި ފެށޭ ރަމަޟާން މަހު، މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ގޭބިސީތަކުން ކުނި ނަގާނީ ރޭގަނޑު 8:00އިން 12:00އަށް ކަމަށެވެ.

މީގެ އިތުރުން ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ހިދުމަތް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ލިބޭނީ ހެނދުނު 9:00އިން ހަވީރު 5:00އަށް އަދި ރޭގަނޑު 8:00އިން ދަންވަރު 1:00އަށް ކަމަށް ވެސް ބުނެފައިވެއެވެ. ހުކުރު ދުވަހު ހިދުމަތް ލިބޭނީ މެންދުރުފަހު 2:00އިން ހަވީރު 5:00އަށް އަދި ރޭގަނޑު 8:00އިން ދަންވަރު 1:00އަށެވެ.

ރަމަޟާން މަހު ކުނި ނެގުމުގެ ހިދުމަތާ ގުޅޭގޮތުން ވެމްކޯއިން އިތުރަށް ބުނީ ކޮމާޝަލް ކަލެކްޝަން ހުކުރު ދުވަސް ނޫން އެހެން ދުވަސްތަކުގައި ކުރިއަށް ގެންދާނީ ހެނދުނު 9:00އިން ހަވީރު 4:00އަށް އަދި ރޭގަނޑު 10:00އިން ފަތިހު 4:00އަށް ކަމަށެވެ.

ހުކުރު ދުވަހު ކުނި ނަގާނީ މެންދުރު ފަހު 2:00އިން ހަވީރު 5:00އަށެވެ. އަދި ރޭގަނޑު 10:00އިން ފަތިހު 4:00އަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ކޯލް އެންޑް ޕިކް-އަޕް ސާވިސް (ކެޕްސް)ގެ ހިދުމަތް ރޯދަ މަހު ދޭން ހަމަޖެހިފައި ވަނީ ހެނދުނު 9:00އިން ހަވީރު 4:00އަށް އަދި ރޭގަނޑު 8:00އިން ދަންވަރު 1:00އަށް ކަމަށް ވެމްކޯއިން ބުނެފައި ވެއެވެ. . ހުކުރު ދުވަހު މި ހިދުމަތް ދޭނީ މެންދުރު ފަހު 2:00އިން ހަވީރު 5:00އަށް އަދި ރޭގަނޑު 8:00އިން ދަންވަރު 1:00އަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!