ކްރިމިނަލް ކޯޓު ކައިރީގައި ހުންނަވަނިކޮށް ޑރ. ޖަމީލަށް މަރުގެ އިންޒާރުދީފި

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ކްރިމިނަލް ކޯޓު ކައިރީގައި ހުންނަވަނިކޮށް އެ މަނިކުފާނަށް މަރުގެ އިންޒާރު ދީފިއެވެ.
އެނގިފައިވާ ގޮތުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އިސް ޤާނޫނީ ވަކީލު ކަމަށްވާ ޑރ. ޖަމީލަށް މަރުގެ އިންޒާރު ދީފައި މި ވަނީ، މިއަދު އެ ކޯޓުގައި އޮތް ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ނިންމަވައިލެއްވުމަށް ފަހު ބޭރުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދަނިކޮށެވެ.
އެގޮތުން ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާސިފް އާދަމް އޭނާގެ ފޭސްބުކް އެކައުންޓުގައި ލިޔެފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޝަރީއަތް ނިންމައިލުމަށް ފަހު ރައީސް ޔާމީނުގެ ވަކީލުން ކޯޓުން ނުކުމެވަޑައިގެންނެވި ފަހުން ސައިކަލުގައި ދިޔަ ދެ މީހަކު ވަކީލުންނަށް ޓާގެޓުކުރި ކަމަށެވެ. އަދި އެހެން ތަނަކުން ޑރ. ޖަމީލު ފެނުނު ނަމަވެސް "ދުއްވާލާނެ" ކަމަށް އެމީހުން ބުނި ކަމަށް ވެސް ޤާނޫނީ ވަކީލް އާސިފް ވިދާޅުވެފައިވެއެވެ.