ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދައިފި
"ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަން" ގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.
ރައީސް މި ކޮމިޝަން އުފައްދަވާފައި ވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، އަވަސް، ނިޒާމީ އަދި ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ މަގުސަދުގައެވެ.
މިއަދު އުފެއްދެވި ރިޔާސީ ކޮމިޝަނު އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. ކޮމިޝަނަށް ރައީސް އައްޔަންކުރެއްވި ފަސް މެމްބަރުންނަކީ:
1. ޑރ. އާފިޔާ އަލީ (ވާރުގެ، ސ. ހުޅުދޫ)
2. ޑރ. އަބްދުލްމަލިކް (މއ. ކޮށީގެ)
3. އަލްއުސްތާޛު އަބްދުﷲ ރާބިއު (ގަލްގާސްގެ، ކ. ދިއްފުށި)
4. އަލްއުސްތާޛާ މާޒިޔާ އަބްދުއްސައްތާރު (ގ. ސާޔާ)
5. މިސްޓަރ ނިކޮލަސް ރިޗާޑް ކައުދަރީ (އޮސްޓްރޭލިއާ)
ކޮމިޝަނުގެ ރައީސާގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވަނީ ޑރ. އާފިޔާ އަލީއެވެ. ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ މިސްޓަރ ނިކޮލަސް ރިޗާޑް ކައުދަރީއަކީ އިންސާނީ ހައްގުތަކާއި ޝަރުއީ ދާއިރާގެ މާހިރެކެވެ. އޮސްޓްރޭލިއާގެ ޕަބްލިކް ޕްރޮސެކިއުޝަންސް ފޮޯ ނިއު ސައުތް ވޭލްސްގެ ޑިރެކްޓަރުކަން 1994-2011 ވަނަ އަހަރާއި ހަމައަށް ފުރުއްވާފައިވާ ކައުދަރީއަކީ ހިއުމަން ރައިޓްސް އިންސްޓިޓިއުޓްގެ އެއް ކޯ-ޗެއާއެވެ.
އަދި އިންޓަނޭޝަނަލް ބާ އެސޯސިއޭޝަންގެ މެންބަރެއްގެ އިތުރުން އޭނާއަކީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސެކިއުޓާސްގެ ރައީސްގެ މަގާމު ފުރުއްވާފައިވާ، އަދި މިހާރު އޮސްޓްރޭލިއާގެ ލޯ ކައުންސިލުގެ އިންސާނީ ހައްގުތަކާ ބެހޭ މުޝީރެވެ.
ރައީސް މިއަދު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ.
އަދި ކުޑަކުދީންނަށް ދިމާވާ އަނިޔާގެ މައްސަލަތަކުގެ ބާވަތާއި، އެކަންކަން މެދުވެރިވެފައިވާ ތަނާއި ވަގުތުތަކާއި ހާލަތާއި، އެކަމުގައި ޝާމިލުވާ މީހުންގެ އުމުރާއި، އިގްތިސޯދީ ހާލަތާއި، އިޖުތިމާއީ ހާލަތާއި، ކުށް ކުރާން ނުވަތަ އަނިޔާލިބެން މެދުވެރިވާ ސަބަބުތައް ހޯދުމާއި، އަނިޔާލިބުނު ކުދިންގެ މިހާރު ހާލަތާ ބެހޭ މައުލޫމާތު އެއްކޮށް، ދައުލަތުގެ އިދާރާތަކުން މިބާވަތުގެ މައްސަލަތަކުގައި ޒިންމާ އަދާކޮށްފައިވާ ގޮތާއި މިންވަރު ދެނެގަތުމެވެ.
މި ކޮމިޝަން އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާކުރުމާއި، ރޭވުންތެރިކަމާއެކު ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތްތައް ކަށަވަރުކުރުމެވެ.
އަދި، ކުޑަކުދީންނަށް އަޅައިނުލާ ފަރާތްތަކާއި އެ ކުދީންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެ ކުދީންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި، އެ ކުދީންނަށް ގޯނާކުރާ ފަރާތްތަކާއި، އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމެވެ.
މީގެ އިތުރުން، ކުޑަކުދީންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅާ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެހެނިހެން ގަވާއިދުތަކުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ އިދާރީ ފިޔަވަޅު އެޅުމަށް ބޭނުންވާ މައުލޫމާތު ހޯދާ ދިރާސާއެއް ހިންގުމެވެ.
ރައީސް މިއަދު އުފެއްދެވި ރިޔާސީ ކޮމިޝަނުން ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ދިރާސާކޮށް، ދިރާސާގެ ހޯދުންތަކުން ވަޒަންކުރެވޭ ކަންކަމާއިމެދު ކަމާއިބެހޭ މުއައްސަސާތަކުން އަޅާންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ތައުޞިޔާތައް ހިމެނޭ ތަފުސީލީ ރިޕޯޓެއް ތައްޔާރުކޮށް، ރައީސަށް ހުށަހަޅާނެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވާފައި ވާއިރު ފަހަކަށް އައިސް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ކުޑަކުދިންނާ މެދު އިހުމާލުވުމުގެ މައްސަލަތައް ފެންމަތިވާ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.
އަދި މިއަދު ވަނީ ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފަށައިފައެވެ. މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ގާނޫނުއަސާސީއާއި ކުޑަކުދީންގެ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން ހިމެނެއެވެ.
އަދި، ކުޑަކުދީންނަށް އަޅައިލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމައާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުންވެސް މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.