ޚަބަރު

އިސްލާމްދީން ގޮވާލަނީ ޣައިރު މުސްލިމުންނާ މެދުގައި ވެސް އިހްސާންތެރިވުމަށް: ހުތުބާ

ދެން އެމްވީ ، ދެން އޮންލައިން

ޣައިރު މުސްލިމުންނާ މެދުގައި ވެސް އިހްސާންތެރިވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

Ads by MWSC

"އިސްލާމް ދީނަކީ ސަމާހަތުގެ ދީނެވެ." މި މައުލޫގެ ދަށުން މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ އިސްލާމް ދީން އައީ އިންސާނުންގެ ހުރިހާ ކަމެއް އިސްލާހުކޮށް ހަމަ މަގަށް އެޅުވުމަށް ކަމަށާއި ހަބަރާ ފަސާދަ ނެތިކޮށްލައި ދުނިޔެ އާރާސްތުކޮށް އަމަން އަމާކަން ގާއިމް ކުރުމަށް ކަމަށެވެ.

އަމާންކަން ދެވިގެންވާ މީހުންނަށް ބިރު ދެއްކުމާއި، އިންސާނުންގެ ހައްގުތަކަށް އަރައިގަތުމާއި މި ނޫންވެސް ނުބައިވެގެންވާ ބޮޑެތި ޖަރީމާތަކަކީ އިސްލާމް ދީން އެކަންކަމުން ބަރީއަވެގެންވާ ކަންކަން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"ދީނުގެ ނަމުގައި އެފަދަ ކަންކަމަށް އަރައިގަންނަނީ އިސްލާމް ދީނަކީ ކޮބައިކަން ރަނގަޅަށް ނޭނގޭ އަދި އެ ދީނުގެ އުސޫލުތަކަކީ ކޮބައިކަން ފަހުމް ނުވާ މީހުންނެވެ. ހުރިހާ މާނައެއްގައި އިންސާނީ މުރުއްވަތްތެރިކަން އެބައިމީހުންގެ ހިތްތަކުން ނިގުޅައިގަނެވިގެންވާ އެއްވެސް އޯގާތެރިކަމެއް ނެތް، ރަހުމުކުޑަ މީހުންނެވެ." ހުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ހުތުބާގައި ގޮވާލާފައި ވަނީ އިސްލާމް ދީނަށް ވަނުމަށް އެއްވެސް މީހަކަށް މަޖުބޫރު ނުކުރާށެވެ. އަދި ޣައިރު މުސްލިމުންނަށް އަނިޔާވެރިނުވެ، އަދާވާތްތެރިންގެ މެދުގައި ވެސް އަދުލުވެރިވުމަށެވެ.

ހުތުބާގައި ބުނެފައި ވަނީ މުސްލިމެއްގެ މައިންބަފައިންނަކީ ކާފިރުން ކަމުގައި ވެފައި އެ މައިންބަފައިން އެ ދަރިފުޅަށް ބާރުއަޅަނީ ﷲ އަށް ކާފިރުވެ ޝިރުކު ކުރުމަށް ކަމުގައި ވިޔަސް އިސްލާމް ދީން ގޮވާލަނީ އެ މައިންބަފައިންނަށް ވެސް ހެޔޮކޮށް ހިތުމަށް ކަމަށެވެ.

"އެންމެހައި މުސްލިމް އަހުންނޭވެ! އިސްލާމް ދީން ގޮވާލަނީ މުސްލިމުންގެ ހިމާޔަތުގައި ދިރިއުޅޭ އެހެން ދީންތަކުގެ އެންމެންނަށް ވެސް ހިމާޔަތްދީ ފުރިހަމަ ރައްކާތެރިކަން ދިނުމަށެވެ." ހުތުބާއި ގޮވާލާފައި ވެއެވެ.

ސަރުކާރުން ކަމުގައި ވިޔަސް ކުންފުންޏަކުން ނުވަތަ އާންމު ރައްޔިތަކު ކަމުގައި ވިޔަސް ޣައިރު މުސްލިމަކަށް އަމާންކަން ދީފި ނަމަ، އެ މީހަކަށް ރައްކާތެރިކަން ދިނުމަކީ އެންމެންގެ މައްޗަށް ވާޖިބެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނަށް ނަސްރު ދިނުމުގެ ނަމުގައި ބޮން ގޮއްވައި، ތަންތަން ހަލާކުކޮށް އަމާންކަން ލިބިގެންވާ މީހުންނަށް ބިރުދައްކައި، ގޯނާކޮށް މީހެއްގެ މުދަލާއި އަބުރަށް އަރައިގަނެ، ފުރާނައަށް ގެއްލުންދޭ މީހުންނާ އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!