ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި މައްސަލަ މަޖިލީހުގެ ކޮމެޓީއަށް ފޮނުވައިފިއެވެ.
މި ދެ ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމައިފައި ވަނީ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓުތަކެއް މި ދެ ފަނޑިޔާރުން ނެންގެވީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށްކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް ބެއްލެވުމަށް ފަހުއެވެ.
މިމައްސަލައިގައި ފަނޑިޔާރުންނަށް ވަނީ ސަރުކާރުން ދޫކުރި ފްލެޓްތަކެއް ޚާއްޞަ އަގުތަކެއްގައި ބައްލަވައިގަނެފައިވާކަމުގެ ތުހުމަތުކޮށްފައެވެ.
ޖޭއެސްސީން ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދެއްވި ފްލެޓްތަކަކީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން ޢިނާޔަތެއްކަމަށެވެ.
އެ ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބުދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ހަވާލުވުމަކީ ޤާނޫނު އަސާސީއާ ޚިލާފު ޢަމަލެއްކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.
ދެ ފަނޑިޔާރުން ވަކި ކުރުމަށް ނިންމައި، އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައި ވަނީ މި މަހުގެ 20ވަނަ ދުވަހުއެވެ.