ޚަބަރު

ސިވިލް ކޯޓުގެ އިސް ގާޒީއަށް ފިޔަވަޅު އަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފިޔަވަޅު އަޅައިފިއެވެ.

Ads by Hajj Corporation

ޖޭއެސްސީން ވިދާޅުވީ ސިވިލް ކޯޓުގެ ޤަޟިއްޔާއިން ބައްލަވާ މައްސަލައަކަށް ހާޒިރުވުމަށް ޓަކައި އަމުރު ލިބުނުއިރު، މެޖިސްޓްރޭޓް ކޯޓަކުން ބައްލަވާ މައްސަލައާ ގުޅިގެން އެ ފަރާތަށް އެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބިފައިވާތީ ފަހުގެ ތާރީޚަކަށް ސިވިލްކޯޓުގެ މައްސަލަ ހަމަޖައްސައިދިނުން އެދި ސިވިލް ކޯޓަށް ހުށަހަޅައިފައި ވަނިކޮށް، ސިވިލް ކޯޓުގެ ޤަޟިއްޔާ ބާޠިލުކުރުމުގައި އިސްޤާޟީ ޢަބްދުﷲ ޢަލީ ޢަމަލުކޮށްފައި ވަނީ ޢަދުލު އިންޞާފް ޤާއިމްކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭ ފަދަ ގޮތެއްގެ މަތިން ކަމަށެވެ.

އަދި ފަނޑިޔާރުގެ ވާޖިބު އަދާކުރުމުގައި ތަޢައްޞުބެއް އޮތްކަން ފެންނާން އޮތް އަދި ފަނޑިޔާރުގެ ޢަދުލުވެރި ކަމާމެދު ސުވާލު އުފެދިދާ ގޮތުގެމަތިންކަން އިސްޤާޟީ ޢަބްދުﷲ ޢަލީގެ ބަހުންނާއި ލިޔެކިޔުންތަކުން މައްސަލައިގެ ތަޙުޤީޤަށް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

މީގެ އިތުރުން އިސްޤާޟީ ޢަބްދުﷲ ޢަލީގެ މި ޢަމަލަކީ، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 34 ވަނަ މާއްދާގެ (ހ) އާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 2.1 އާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 2.2 އާއި ޚިލާފަށް ކޮށްފައިވާ އަމަލަކަށް ވާތީ، އިސްޤާޟީ ޢަބްދުﷲ ޢަލީއަށް ނަޞޭޙަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ޖޭއެސްސީން ނިންމައިފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!