ދީން

އިންޑިއާގެ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ސަބަރިމާލާ އިސްލާމްވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްޓެރި އިންޑިއާގެ ޓަމިލް ނާޑޫގެ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ސަބަރިމާލާ ޖަޔާކަންތަން އިސްލާމްވެއްޖެއެވެ.

Ads by MWSC

ސަބަރިމާލާއަކީ އިންސާނީ ޙައްޤުތަކަށް އަބަދަވެސް ވަކާލާތުކޮށް، މީހުންނަށް އެކިކަހަލަ ކަންކަމުގައި ހިތްވަރު ދިނުމުގެ ގޮތުން ވާހަކަދައްކަމުން ގެންދާ ދެކުނު އިންޑިއާއަށް ނިސްބަތްވާ މީހެކެވެ. އާންމުންގެ ސަމާލުކަމަށް ސަބަރިމާލާ އައިސްފައި ވަނީ، ޓީޗަރެއްގެ ގޮތުގައި އޭނާ އަދާކުރަމުންދިޔަ ސަރުކާރު ވަޒީފާ ދޫކޮށްލުމަށް ފަހު އިންސާނީ ޙައްޤުތަކަށް އޭނާ އަޑުއުފުލަން ފެށުމުންނެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ސަބަރިމާލާ އިސްލާމްދީން ޤަބޫލު ކުރުމަށް ފަހު މި ރަމަޟާން މަސް ތެރޭގައި ވަނީ މައްކާއަށް ގޮސް އުމްރާގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. ސަބަރިމާލާ މަސްޖިދުލް ޙަރާމްއަށް ގޮސް، އެ ތަނުގައި ޝަހާދަތުގެ ދެ ކަލިމަ ކިޔާ މަންޒަރު ދައްކުވައިދޭ ވީީޑިއޯއެއް ވެސް މިހާރު ދަނީ ދައުރުވަމުންނެވެ. އޭނާ އިސްލާމްދީން ޤަބޫލު ކޮށްފައިވާކަން އެންމެ ފުރަތަމަ އިއުލާނު ކޮށްފައި ވަނީ ވެސް ކައުބަތުﷲ ގެފުޅު ކުރިމަތީގައި ނަގައިފައިވާ ވީޑިއޯއެއް މެދުވެރިކޮށެވެ.

އިސްލާމްދީން ޤަބޫލުކޮށް، މުސްލިމަކަށްވުމަ ށްފަހު ސަބަރިމާލާ ވަނީ އޭނާގެ ނަން ފާތިމާ ސަބަރިމާލާއަށް ބަދަލުކޮށްފައެވެ.

ދައުރުވަމުން އަންނަ އެހެން ވީޑިއޯއެއްގައި ސަބަރިމާލާ ބުނެފައި ވަނީ އޭނާ މުސްލިމަކަށް ވާން ހިތްޖެހި، އެކަމަށް ހިތްވަރު ލިބުނީ ޤުރްއާން ކިޔަވަން ފެށުމުން ކަމަށެވެ. އަދި އޭނާ ވަނީ ކީރިތި ޤުރްއާން އެހެން މީހުންނަށް ވެސް ކިޔައި ދިނުމަށް ހުރިހާ މުސްލިމުންނަށް ގޮވައިލައިފައެވެ.

ސަބަރިމާލާ ބުނީ، އޭނާގެ ޤައުމުގެ ގިނަ ބަޔަކު މުސްލިމުން ދެކެ ނަފްރަތު ކުރި ކަމުގައި ވިޔަސް، އޭނާ މިހާރު އަމިއްލަ ނަފްސަށް ވުރެ ވެސް ބޮޑަށް އިސްލާމްދީނާއި މުސްލިމުން ދެކެ ލޯބިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!