ދީން

ޙަމްޒާ ޢަލީ އައްބާސީ: އެކްޓުކުރުން ދޫކޮށްލައި، އެތީސްޓަކުން މުސްލިމަކަށްވީ ގޮތް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕާކިސްތާނުގެ ކުރީގެ ޓެލެވިޝަން އެކްޓަރެއް ކަމަށްވާ ޙަމްޒާ ޢަލީ އައްބާސީއަކީ ކުރިން އެއްވެސް ދީނެއް ޤަބޫލުކުރި މީހެއް ނޫނެވެ. ޙަމްޒާ ބުނި ގޮތުގައި އުމުރުން 14 ވަރަކަށް އަހަރުގައި، އޭނާގެ ހިތުގައި ސުވާލުތަކެއް އުފެދެމުން ދިޔައެވެ. މުޅި ދުނިޔެއާ ކާއިނާތު އުފެދިފައިވާ ގޮތާއި މަރުވުމަށް ފަހު އަލުން ދިރުމެއް ހަގީގަތުގައި ވެސް ވޭތޯ ސުވާލު އުފެދެމުން ދިޔަ ކަމަށް ޙަމްޒާ ބުންޏެވެ.

Ads by STELCO

އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ޙަމްޒާ ދިޔައީ ލައިބްރަރީއަކަށް ކަމަށް އޭނާ ބުންޏެވެ. އިސްލާމްދީނާ މެދު އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއް ލިބޭތޯ އެތަނުން ފޮތްތައް ކިޔައި، ޤަބޫލު ކުރެވޭނެފަދަ މައުލޫމާތު ހިމެނޭ ފޮތެއް ފެނޭތޯ ވަރަށް މަސައްކަތް ކުރުމުން ވެސް، އެކަން އޭނާއަށް ހާސިލެއް ނުވިއެވެ. އެހެންކަމުން ފުރާވަރުގެ އެ އުމުރުގައި ޙަމްޒާ އިސްލާމްދީން ދޫކޮށްލައި އެތީސްޓަކަށްވިއެވެ.

ޙަމްޒާ ބުނި ގޮތުގައި އެތީސްޓަކަށް ވުމުގެ ކުރިން އެކި ދީންތަކާ ބެހޭގޮތުން އޭނާ މައުލޫމާތު އެއް ކުރިއެވެ. އިސްލާމްދީން ފިޔަވައި އެހެން ބައިވަރު ދީންތަކާ ބެހޭ ގޮތުން އޭނާއަށް މައުލޫމާތު ލިބުނެވެ. ނަމަވެސް އޭނަގެ ހިތުގައި އުފެދިފައި ހުރި ސުވާލުތަކަށް ފުރިހަމަ ޖަވާބު އޭގެން ދީނަކުން ނުލިބުނުކަން ޙަމްޒާ ފާހަގަ ކުރިއެވެ.

ޙަމްޒާ ބުނީ އެތީސްޓަކަށް ވުމަށް ފަހު އޭނާ ދިރިއުޅުން ބަދަލުކުރީ އެމެރިކާއަށް ކަމަށެވެ. އަދި އެތަނުގެ މީހުންނަށް އޭނައަކީ އެއްވެސް ދީނެއް ޤަބޫލު ނުކުރާ މީހެއްކަން އެނގުމުން، ސައިންސްގެ އަލީގައި އެކަން (އެތީސްޓްކަން) އިތުރުކުރަން ވެސް އެމީހުން މަސައްކަތް ކުރި ކަމަށް ޙަމްޒާ ބުންޏެވެ.

ޙަމްޒާ ބުނީ ސައިންސްގެ އަލީގައި އެ މީހުން ދައްކަމުން ދިޔަ ވާހަކަތައް ވެސް އޭނާއަށް ދެން ޤަބޫލު ނުކުރެވި، އެއީ ހަމަޖެހޭ ވާހަކަތަކެއް ނޫންކަމަށް ވިސްނުނު ކަމަށެވެ. އެހެންކަމުން އިސްލާމްދީނާ ބެހޭ ގޮތުން ބޮޑަށް މައުލޫމާތު ހޯދަން ޙަމްޒާ މަސައްކަތް ފެށިއެވެ.

އެގޮތުން އިސްލާމްދީނުގެ ތާރީޚާއި ސަޤާފަތްތައް އެކި އިމާމުންނާއި ދީނީ ޢިލްމުވެރިންގެ ކިބައިން އެނގި ދަސްވެ، ޤަބޫލު ކުރެވެން ވެސް ފެށުނު ކަމަށް ޙަމްޒާ ބުންޏެވެ.

"އެއްވެސް އިލާހެއް ނުވާކަމަށް ޤަބޫލުކުރި ކުރުން ބަދަލުކޮށް، ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ހޯދަން މަސައްކަތް ކުރުމުން އަހަންނަށް މާތް ﷲ ވޮޑިގެންވާކަމަށް ޤަބޫލު ކުރެވެން ފެށި. ޤުރްއާނާއި ރަސޫލާ (ޞޢޥ) ގެ ޙަދީޘްބަސްފުޅުގެ އަލީގައި ދީނީ ޢިލްމުވެރިން އަހަންނަށް އެހީތެރިވެދިން. އެމީހުންގެ ވާހަކަ އެންމެ ބޮޑަށް ޤަބޫލު ކުރެވެން ފެށީ އަހަރެން ވެސް މިސްކިތަށް ގޮސް ނަމާދުކުރަން ފެށުމުން. ބުނެދޭން ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބުނު. އިސްލާމްދީނާ ބެހޭ ގޮތުން އަހަރެންގެ ސުވާލުތަކަށް ޖަވާބު ލިބުނީ، އެހެން ދެވަނަ ފޮތަކުން ނޫން، ކީރިތި ޤުރްއާނުން" ޙަމްޒާ ބުންޏެވެ.

އެކްޓު ކުރުން ދޫކޮށްލައި ޙަމްޒާ އޭނާގެ ވަގުތުތައް ހޭދަކުރަން ފެށީ ދީނީ އަޅުކަން ކުރުމުގައާއި އާމްދަނީ ހޯދުމަށް ދަނޑުވެރިކަން ކުރުމުގައެވެ. އޭނާ ބުނި ގޮތުގައި، ދީނާއި ހެއްދެވި ފަރާތާ މެދު ސުވާލެއް ހިތުގައި އުފެދޭނެ ޖާގައެއް އޭނާ މިހާރަކު ނުދެއެވެ. އެއަށްވުރެ ބޮޑަށް އޭނާ ވަނީ އީމާންތެރިކަން ވަރުގަދަ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!