މަތީ ތައުލީމުދޭ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑެއް ނުވާނެ: އަމީރު

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އިތުރުކުރި ނަމަވެސް މަތީ ތައުލީމުދޭ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ނުވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވިދާޅުވެއްޖެއެވެ.
މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މިއަދު ގެނައި ބަދަތުތަކުގެ ތެރޭގައި ހިމެނެނީ ހަމަ އެކަނި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެޑިއުކޭޝަނަލް ޕްރިފެޝަނަލްސްއާ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަތައް ކަމަށެވެ.
“މިއަދު ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ހަމަ އެކަނި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ އެޑިއުކޭޝަނަލް ޕްރޮފެޝަނަލްސްއާއި ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރަތައް އެކަނި” އަމީރު ވިދާޅުވިއެވެެ.
މިނިސްޓަރ ވިދާޅުވީ މުވައްޒަފުންނަށް ހައްގު މުސާރަ ދިނުމަކީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުފުޅެއް ކަމަށެވެ.
ޕްރިންސިޕަލުންނާއި ޓީޗަރުންގެ މުސާރައަށް މި ގެނައީ ހެޔޮ ބަދަލެއް ކަމަށާއި، ރާއްޖޭގެ އިގުތިސާދު މިހާރު ރަނގަޅުވަމުން އަންނައިރު ބޮޑުކުރި މުސާރައަކީ ރާއްޖޭގެ އިގުތިސާދަށް ބަލައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދެވޭނެ މުސާރަތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.