ކުޅުންތެރިއެއް ނުވަތަ ރެފްރީގެ މޫނަށް ކެއްސައިފިނަމަ ރަތް ކާޑު ދެއްކޭ ގޮތަށް ފާސްކޮށްފި
އަންނަ ސީޒަނުން ފެށިގެން އިނގިރޭސި ޕްރިމިއަރ ލީގުގައި ގަސްތުގައި ކުޅުންތެރިއެއް ނުވަތަ އޮފިޝަލެއް ގަޔަށް ކެއްސައިފި ނަމަ ނުވަތަ ކުޅު ޖަހައިފި ނަމަ ރަތް ކާޑު ދެއްކޭ ގޮތަށް އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަންގެ ގަވާއިދަށް ބަދަލު ގެނެސްފި އެވެ.
އިނގިރޭސި އެފްއޭއިން އެކުލަވާލި ގަވާއިދުގައި ވަނީ މެޗު ކުޅެމުންދާ ވަގުތު އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއެއް ގަޔަށް ގަސްތުގައި ކެއްސި ކަމަށް ރެފްރީއަށް ފެނިއްޖެ ހާލަތެއްގައި އެކުޅުންތެރިއަކަށް ރީންދޫ ކާޑު ނުވަތަ ރަތް ކާޑު ދެއްކުމުގެ ބާރު ރެފްރީއަށް ލިބިގެންވާ ކަމަށެވެ.
ކޮރޯނާވައިރަހާ ގުޅިގެން އިނގިރޭސި ޕްރިމިއަރ ލީގު މެދުކަނޑާލުމަށް ފަހު އަލުން ފެށި އިރު ބާކީ މެޗުތައް ކުޅެފައި ވަނީ ސަޕޯޓަރުން ނުވައްދައެވެ. އަދި ގައިދުރު ކުރުމާއި ޕްރެކްޓިސްތައް ކުރުމުގައި ގްރޫޕްތައް ވަކިވަކިން ތަމްރީން ކުރުން ވެސް ވައިރަހުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ،
މީގެ އިތުރުން މެޗުތަކުގައި ފަސް ބަދަލު ކުރެވޭ ގޮތަށް ބަދަލު ކޮށްފައިވާ އިރު ކޮންމެ މެޗެއްގައި ވެސް ދެ ފަހަރަށް ކޫލިންގް ބްރޭކެއް ވެސް ވަނީ ނަގަން ފަށައިފަ އެވެ.
ގައުމުތަކުގެ ފުޓުބޯޅަ އެސޯސިއޭޝަންތަކުން ވަނީ މި ބަދަލުތައް ކުރިއަށް އޮތް ސީޒަނުގައި ވެސް ގެންގުޅުމަށް ނިންމާފައެވެ.