ޚަބަރު

ޖަލްސާގައި މީހުން މަދުވިޔަސް މާލޭގެ ހުރިހާ ގޮނޑިއެއް އެމްޑީޕީ އިން ނަގާނެ: ނަޝީދު

އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭން ލޯންޗުކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބައިވެރިވާން ނުކުތް މީހުންގެ އަދަދު މަދުކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ނަގާނެ ކަމާމެދު ޝައްކު ނުކުރައްވާކަމަށް އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ އޭޕްރީލް ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އެމްޑީޕީގެ ކެމްޕޭން "ރަށްވެހި ފަތިސް" ފަށަން އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާ އަށް މަދު ބަޔަކު ހާޒިރުވި މައްސަލައިގައި ވާދަވެރިންގެ ބޮޑެތި ފާޑުކިޔުންތަކެއް އެމްޑީޕީއަށާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ވާދަވެރިން ގަބޫލު ކުރާ ގޮތުގައި އެމްޑީޕީގެ ޖަލްސާ އަށް މަދު ބަޔަކު ދިޔައީ، ސަރުކާރާ މެދު އެމީހުން މާޔޫސްވެގެންނެވެ.

އެމްޑީޕީގެ ކެމްޕެއިން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މީހުން މަދުވި އެންމެ ބޮޑު އެއް ސަބަބަކީ މާލެ މީހުން ދެކެމުން އަންނަ ހުވަފެންތަކުގެ ކުލަ މި ސަރުކާރަށް އަދި ޖެއްސިފައި ނެތުމުން ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގައި ރަޖިސްޓްރީވެފައިވާ މާލޭ ރައްޔިތުންގެ އަދަދު 15،000 އަށް ވުރެ އިތުރުވާއިރު، އެ ޕާޓީއަށް ސަޕޯޓުކުރާ 35،000 އަށް ވުރެ ގިނަ މީހުން އުޅޭކަމަށެވެ. އެހެންކަމުން ރޭގެ ޖަލްސާގައި ބައިވެރިވި ސަޕޯޓަރުންގެ އަދަދު މަދުކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެމްޑީޕީން ކާނިވާގައި ބޭއްވި ޖަލްސާ އަށް މަދު ބަޔަކު ދިޔަ އިރު، މިއީ ރޭވުންތެރިކަމާއި އިންތިޒާމްތަކުގެ ތެރެއިން ހިންގާ އެމްޑީޕީގެ ޖަލްސާތަކުގައި މިއީ، ކުރިން ނުފެންނަ މަންޒަރެކެވެ. އެމްޑީޕީން ކުރިން ބާއްވާ ކެމްޕޭން ޖަލްސާތައް އޮންނަނީ ތޮއްޖެހިފައެވެ. ޖަލްސާ ބާއްވާ ސަރަހައްދުގައި ޖަހާފައި ހުންނަ ގޮނޑިތައް ފުރި، ގިނަ ބަޔަކު ތިބެނީ ފޯރި އާއި ޖޯޝުގައި ކޮޅަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!