500,000 ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކުރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ އެ ތަކެތި އަތުލައިގަތީ ކުރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސްކުރުމުގެ ތެރޭގައި، ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން މިދިޔަ މަހުގެ 28ވަނަ ދުވަހު ވައިގެ މަގުން އެތެރެކޮށްފައިވާ ޕާރްސަލެއް ބަލައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.363 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތްއެމްޕަޓަމައިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެފައި ވެއެވެ.
ކަސްޓްމްސްއިން ބުނީ ތަކެތީގެ އަގު 500,000ރ.އަށް އަރާ ކަމަށާއި އެ ތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.