ޚަބަރު

ޖޭއެސްސީގެ މެންބަރުކަމަށް ހައިކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒް އައްޔަންކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) މެންބަރުކަމަށް ހދ.ވައިކަރަދޫ، ގްރީންވިލާ އަލްއުސްތާޛު މުޙައްމަދު ނިޔާޒް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ޢައްޔަން ކުރައްވައިފިއެވެ.

Ads by MWSC

އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު މުޙައްމަދު ނިޔާޒް، ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ.

މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މުޙައްމަދު ނިޔާޒާ ވަނީ ޙަވާލުކުރައްވައިފައެވެ.

ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒު މަތީތަޢުލީމު ހާސިލުކުރެއްވީ ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މޭލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީންނެވެ. އަލްއުސްތާޛު މުޙައްމަދު ނިޔާޒު ކުރިން ފުރުއްވައިފައިވާ މަޤާމުތަކުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ.

ޖޭއެސްސީއަށް ނިޔާޒް އައްޔަންކުރެއްވީ، އެ ކޮމިޝަންގައި ހައިކޯޓުގެ ފަރާތުން އައްޔަންކުރައްވާފައި އިންނެވި އަލްއުސްތާޛު ޢަލީ ސަމީރު ހައިކޯޓުގެ ފަނޑިޔާރުކަމުން މިދިޔަ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ އިސްތިއުފާދެއްވުމާ ގުޅިގެން އެ މަޤާމު ހުސްވުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!