އިންތި ބަލި ޤަބޫލު ކުރައްވައިފި

އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވާދަ ކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ބަލި ޤަބޫލު ކުރައްވައިފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.
މި އިންތިޚާބުގައި އިންތިއަށް ލިބިވަޑައިގަތީ 42 އިންސައްތައެވެ. ފައްޔާޒް އިންތިޚާބު ކާމިޔާބު ކުރެއްވީ 58 އިންސައްތައާއެކުއެވެ.
އިންތި ދެންމެ ކުރެއްވި ޓްވީޓެއްގައި ފައްޔާޒަށް ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދި އެ އިންތިޚާބުގައި އިންތިއާއެކު މަސައްކަތް ކުރެއްވި ބޭފުޅުންނަށް ޝުކުރު ދަންނަވާ، ޕާޓީގައި ހުންނަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
"ނިމިދިޔަ އިންތިޚާބުގައި އަޅުގަނޑާ އެކު މަސައްކަތްކޮށް ވޯޓުދެއްވި އެންމެހައި މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރިއްޔާ! އަޅުގަނޑުމެން މިވީހާ ދުވަހު ނަގަހައްޓަމުން މި އައި ހަމަތަކާ އަސާސްތަކުގައި މިޕާޓީއާ އެކު ދެގޮތެއް ނުވެ، އަބަދުވެސް ދެމިހުންނާނަން." އިންތިގެ ޓްވީޓްގައި ވިދާޅުވިއެވެ.