ޚަބަރު

ގުޅިގެން ކުރިއަށް ދިޔުމަށް ފައްޔާޒު އެދިވަޑައިގެންފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

އެމް.ޑީ.ޕީގެ ކަންކަމުގައި ހުރިހައި އެންމެން ގުޅިގެން ކުރިއަށް ދިއުމަށް އެ ޕާޓީގެ އިންތިޚާބީ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް އެދިލައްވައިފިއެވެ،

Ads by STELCO

ފައްޔާޒުގެ ކެމްޕެއިންގައި ހަރަކާތްތެރިވި ކެމްޕެއިން ޓީމާ ބައްދަލުކުރައްވައި ފައްޔާޒު ވަނީ ކެމްޕެއިނުގައި ދިމާވި ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރުމަށާއި ޕާޓީގެ ކަންކަމުގައި ގުޅިގެން ކުރިއަށް ދިއުމަށް އެދިވަޑައިގެންފައެވެ.

އިންތިޚާބީ ޗެއާޕާސަން ފައްޔާޒް އިސްމާޢިލް އަންނަނީ ވަކި ވަކިން އަތޮޅުތަކުގެ ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައި ކެމްޕެއިންގައި ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވައި މަޝްވަރާ ކުރައްވަމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމް.ޑީ.ޕީ މި ފަހުން ފެންނަނީ ދެ ފެކްޝަނަކަށް ބެހިފައިވާ މަންޒަރެވެ. މިގޮތުން ޗެއާޕާސަން އިންތިޚާބުގައި ވެސް ރައީސް ނަޝީދުގެ ފަޅިއާއި ރައީސް ސޯލިޙަށް ތާއިދުކުރައްވާ ބޭފުޅުންގެ ފަޅި ވަރަށް ބޮޑަށް ވަކިވެ ދެ ފަރާތުން ވަނީ ވަރުގަދަ ބަހުގެ ޙަމަލާތަކެއް ވެސް ރައްދު ކުރައްވައިފައެވެ.

ރައީސް ނަޝީދުގެ ތާޢީދާ އެކު ޕާޓީ ހިންގުމުގެ އެންމެ ބާރުގަދަ އެއް މަޤާމުކަމަށްވާ ޗެއާޕާސަން މަޤާމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ނިކުންނެވި އިރު އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ނިކުންނެވީ ރައީސް ސޯލިޙުގެ ތާޢީދާއެކުއެވެ.

ވާދަވެރި މި އިންތިހާބު 7419 ވޯޓުގެ ތަފާތުން ކާމިޔާބު ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢިލްްއެވެ.

އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ދެ ފެކްޝަނުން ދެމުން ގެންދިޔަ ހޫނު ބަހުގެ ޙަމަލާތަކާއި އިލްޒާމްތަކުގެ ސަބަބުން ބެލެވިފައި އޮތީ އެމް.ޑީ.ޕީ ބައިބައިވެ އެކުގައި މަސައްކަތް ނުކުރެވޭނެ ފަދަ ޙަލާތަކަށް ގޮސްދާނެކަމަށެވެ. މިގޮތުން އެމް.ޑީ.ޕީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ ކެމްޕެއިން ތެރޭގައި މި މޭރުމުން ވާހަކަދައްކަވައިފައެވެ.

ނަމަވެސް، ހޯމަ ދުވަހު އެމް.ޑީ.ޕީގެ ސެކްރެޓްރިއޭޓުގައި އިންތިޚާބީ ޗެއާޕާސަން އަދި ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ބައްދަލު ކުރައްވައި އެކުވެރިކަން ދައްކަވައިލައްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!