"ރައީސްގެ އަމަލުފުޅުތަކުން އެނގެނީ މި ސަރުކާރުން ގައުމަށް ގެންނާނެ ތަރައްގީއެއް ނެތްކަން"
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޮފީހުގައި ކުރައްވާނެ މަސައްކަތެއް ނެތިގެން އުޅުއްވާ މަންޒަރު ފެންނަމުންދާ ކަމަށާއި އެ މަނިކުފާނުގެ އަމަލުފުޅުތަކުން އެނގެނީ މި ސަރުކާރުން ގައުމަށް ގެންނާނެ ތަރައްގީއެއް ނެތުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިިދާޅުވީ ކުޅިވަރާ، މަޖަލަށް މިހާ ގިނަ ވަގުތު ހޭދަކުރައްވާ ރައީސަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެކަން އެހެން ދިމާވަނީ އޮފީހުގައި ކުރައްވާނެ ކަމެއް ނެތުމުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"ރަށެއްގެ ހެލްތް ޕޯސްޓަކަށް 50 އަހަރު ފުރުން ފާހަގަކުރުމަށްވެސް ރައީސް އެބަ ވަޑައިގަންނަވާ އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވުމަށް. ރަށެއްގެ އަތިރިމަތީގައި ބާއްވާ މަންޑި މުބާރާތެއް ޝަރަފްވެރިކޮށްދެއްވުމަށް ދައުވަތު ލިބުނަސް އެތަނަށް ރައީސް އެބަ ވަޑައިގަންނަވާ. އެއްގޮތަކަށްވެސް އަޅުގަނޑު މިދަންނަވަނީ ރައްޔިތުން ކުރާ ކަންތައްތަކުގައި ބައިވެރިވެވަޑައިނުގަންނަވާށެކޭ ނޫން. އެކަމަކު އަޅުގަނޑުމެންނަށް މިކަމުން ދޭހަކޮށްދެނީ އޮފީހުގައި ކުރާނެ މަސައްކަތެއް ނެތިގެން އުޅޭތަން." އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިިދާޅުވީ ރައީސް ސޯލިހުގެ އަމަލުތައް ހުރި ގޮތުން ބުނެދެނީ މި ސަރުކާރުން ގައުމަށް ގެންނާނެ ބަދަލެއް އަދި ތަރައްގީގެ ކުރިއެރުމެއްވެސް ނެތުން ކަމަށެވެ. އެއާ ހިލާފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރުގައި ފެނިގެންދިޔައީ ކުރާނެ މަސައްކަތް ހުރި ރައީސަކު އުޅުއްވި ގޮތް ކަމަށާއި އެ ރައީސްގެ ޒަމާއަތުގައި ގައުމަށް އައި ހެޔޮ ބަދަލުތަކާއި، ކުރިއެރުމާއި ތަރައްގީވެސް ފެނިވަޑައިގެންނެވި ކަމަށެވެ.