ޚަބަރު ރާއްޖޭ ކުޅިވަރު

ނިއުރޭޑިއަންޓު އަނބުރާ ކޮޅަށް ނެގުމަށް އައު ބޯޑެއް އިންތިޚާބުކުރަނީ

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދިނުމުގެ ސަބަބުން، ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑުކޮށްފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އައު ބޯޑެއް އިންތިޚާބުކޮށް ކުލަބު ކޮޅަށް ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by Sosun Fihaara

މިގޮތުން އެ ކުލަބުގެ އައު ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ. އަދި އަންނަ ހުކުރު ދުވަހު ބޯޑު ނެގުމަށް ބާއްވާ އިންތިޚާބު ތާވަލްކޮށްފައި ވެއެވެ.

ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއުރޭޑިއަންޓް ސަސްޕެންޑްކޮށްފައި ވަނީ 2019ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ ފައިސާގެ މައްސަލައިގައި އޭގެ ފަހުން ފީފާއިން ވެސް ވަނީ ނިއުރޭޑިއަންޓަށް ފިޔަވަޅު އަޅައިފައެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ކުލަބު، ނިއުރޭޑިއަންޓުގެ ޗެއާމަންގެ މަޤާމާ އެންމެ ފަހުން ހަވާލުވެލެއްވީ ނިއުރޭޑިއެންޓުގެ ހާޑުކޯ ސަޕޯޓަރެއްކަމަށްވާ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު (މޮސްޓާ)އެވެ. މޮސްޓާ އެ މަޤާމާ ހަވާލުވެ ކުލަބުގެ ދަރަނިތައް އަދާ ކުރުމަށް 2020ވަނަ އަހަރު ވަނީ އެކި މަސައްކަތްތައް ކޮށްފައެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން ގިނަ މަސައްކަތްތަކަށް ހުރަސް އެޅި ދަރަނިން ސަލާމަތްވެވޭ ގޮތް ނުވީއެވެ. މިހާރު މޮސްޓާގެ ޗެއާމަންކަމުގެ ދައުރު ވަނީ ހަމަވެފައެވެ.

ނިއުރޭޑިއަންޓު އަލުން އަނބުރާ ފުޓުބޯޅައަށް ގެނެވޭނެ އަލިމަގެއް ނުފެނުމުން، ނިއުރޭޑިއަންޓުގެ ސަޕޯޓަރުންގެ ތެރެއިން ބަޔަކު އިސްވެ 'ރޭޑިއަންޓު ސްޕޯޓްސް ކުލަބު'ގެ ނަމުގައި ޓީމެއް ވުޖޫދުކޮށް މިއަހަރުގެ  ވަނަ ޑިވިޝަން މުބާރާތުގައި ބައިވެރިވުމަށް އައީ ތައްޔާރު ވަމުންނެވެ. އެހެން ނަމަވެސް އޭ.އޭފް.ސީން ވަނީ ރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ ނިއުރޭޑިއަންޓުގެ "ސްޕޯޓިންގ ސަކްސެސާ"އެއް ކަމަށް ކަނޑައަޅައި ފުޓުބޯޅައިގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެކަން އަންގައިފައެވެ. އޭރު އެ ޓީމަށް ކޯޗެއްގެ ގޮތުގައި ޤައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުޙައްމަދު ޞަބާހު (ޞަބާ) ހަމަޖައްސައި ގިނަ ކުޅުންތެރިތަކަކާ އެކު ކޮންޓްރެކްޓު ވެސް ހަދައިފައިވެއެވެ.

ނިއުރޭޑިއެންޓުގެ އިތުރުން ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑުކޮށްފައިވާ ވިކްޓްރީ ސްޕޯޓްސް ކުލަބުން ވެސް ވަނީ އައު ބޯޑެއް އިންތިހާބުކޮށް ކުލަބުގެ ދަރަނިތަކުން ސަލާމަތްވެ މިއަހަރުގެ ދެވަނަ ޑިވިޝަންގައި ބައިވެރިވުމަށް ތައްޔާރުވަމުން އަންނަކަން އިޢުލާންކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!