ރާއްޖޭ ކުޅިވަރު ރިޕޯޓް ކުޅިވަރު

ގަދަ ބާރު ،ނިއުރޭޑިއަންޓުގެ އެނބުރި އައުން: ކުލަބު ލޯބީގައި މަސައްކަތް ކުރި ބައެއްގެ ބުރަ މަސައްކަތެއް!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ދިވެހި ފުޓުބޯޅައިގެ އެންމެ ކާމިޔާބު، އެންމެ ސަޕޯޓަރުން ގިނަ އެއް ކުލަބަކީ ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބު ކަމާމެދު ސުވާލު އުފައްދާނެ އެކަކު ވެސް ނުހުންނާނެއެވެ. ފަހުގެ ތާރީޙެއްގައި ކުލަބު ފުޓުބޯޅައިގެ މެޗުތަކުގައި ވެސް އެންމެ ގިނަ ސަޕޯޓަރުން ދަނޑަށް ވަދެފައި ވަނީ ނިއުރޭޑިއަންޓުގެ މެޗުތައް ބެލުމަށެވެ.

Ads by MWSC

އެހެން ނަމަވެސް ފާއިތުވެދިޔަ 3 އަހަރަކީ ނިއުރޭޑިއަންޓަށް ހިތްދަތި ތިން އަހަރެވެ. ދިވެހި ފުޓުބޯޅައަށް، ގަލޮޅު ދަނޑަށް ފަޅުކަން ގެނެސްދިން ތިން އަހަރެވެ. މުސާރައިގެ މައްސަލަތަކާ އެކު 2019ވަނަ އަހަރުގެ ކުރީ ކޮޅު ނިއުރޭޑިއަންޓު ސަސްޕެންޑު ކުރެވިގެން ދިއުން ވެގެންދިޔައީ ދިވެހި ފުޓުބޯޅަށް ލޯބިކުރާ ގިނަ ބަޔަކަށް މާޔޫސްކަން ގެނުވި ކަމަކަށެވެ.

މުސާރައިގެ މައްސަލައާ އެކު ނިއުރޭޑިއަންޓު ވެއްޓުނު އަޑިގަނޑުން ސަލާމަތް ވުމަށް އެ ޓީމުގެ ސަޕޯޓަރުން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ސަޕޯޓަރުންގެ ތެރެއިން ބަޔަކު އިސްވެ ޖޯޒީ ވިއްކުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔައެވެ. ނަަމަވެސް، 2020ވަނަ އަހަރު ކޮވިޑްގެ ވަބާ ކުރިމަތިވެ އެ މަަސައްކަތަަށް ހުރަސްއެޅި ކުލަބުގެ ކަންކަން މަޑު ޖެހުނީއެވެ.

އޭގެ ފަހުން މިއަހަރުގެ ނިއުރޭޑިއަންޓުގެ ސަޕޯޓަރުން އިސްވެ، އެ ކުލަބުގެ ސަޕޯޓަރުންގެ ހިތްހަމަޖެއްސުމަށް ނުލާއި ހުދުގެ ރަމްޒު ހިމެނޭ ގޮތަށް ރޭޑިއަންޓު ސްޕޯޓްސް ކުލަބުގެ ނަމުގައި ކުލަބެއް ވުޖޫދުކުރުން ވެގެންދިޔައީ ނިއުރޭޑިއަންޓުގެ ސަޕޯޓަރުންނަށް ލިބުނު ހިތްހަމަ ޖެހުމަކަށެވެ. ނަމަވެސް ކަންތައް ދިމާވީ ހީކުރި ގޮތާ މުޅި ޚިލާފަށެވެ. އޭ.އެފް.ސީން ނިންމީ ރޭޑިއަންޓަކީ ނިއުރޭޑިއަންޓުގެ ސްޕޯޓިންގ ސަކްސެސާއެއް ކަމަށެވެ. އެއާއެކު ރޭޑިއަންޓުގެ ދޮރު ބަންދުވެ އުއްމީދުތަކަށް ހުރަސް އެޅުނީއެވެ.

ނަމަވެސް ނިއުރޭޑިއަންޓުގެ ސަޕޯޓަރުންގެ ތެރެއިން އިސްވެ ތިބި ފަރާތްތައް އުއްމީދު ކަނޑައެއް ނުލައެވެ. އަލުން އަނބުރާ ނިއުރޭޑިއަންޓު ކޮޅަށް ޖެހުމުގެ މަސައްކަތް ފެށިއެވެ. އައު ބޯޑެއް އިންތިހާބުކޮށް ޗެއާމަންއަކަށް ކުލަބުގެ ސަޕޯޓަރު އަޙްމަދު ވާސިފް އިންތިހާބުކޮށް ކުލަބު ކޮޅަށް ޖެހުމުގެ މަސައްކަތް ފެށީ ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ މޭސްތިރިކަމުގެ ދަށުން ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރުގެ ބެއްލެވުމުގެ ދަށުންނެވެ.

ދަރަނީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކުލަބަކާއި ހަވާލުވާނީ ވެސް ކުލަބު ދެކެ އިންތިހާއަށް ލޯބިވީތީކަން އެ ކުލަބުގެ ސަޕޯޓަރުން ވެސް ޤަބޫލުކުރެއެވެ. ނިއުރޭޑިއަންޓުގެ އައު ބޯޑުން މަސައްކަތްތަކެއްކޮށް ބޭރު ކުޅުންތެރިންނަށް ދައްކަން ޖެހޭ ހުރިހައި ފައިސާއެއް އެފް.އޭ.އެމް މެދުވެރިކޮށް ދައްކައި، ދިވެހި ކުޅުންތެރިންނާ އެކު ސެޓްލްމެންޓް އެއްބަސްވުންތަކެއް ހެދުމާ އެކު އެފް.އޭ.އެމުން ވަނީ އެ ކުލަބުގެ ސަސްޕެންޝަން އުވާލައިފައެވެ. އެ ކުލަބުން މިހާރު ތައްޔާރުވަމުން އަންނަނީ މި މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ 2ވަނަ ޑިވިޝަނުގައި ބައިވެރިވެ ވީހައި ވެސް އަވަހަށް ފުރަތަމަ ޑިވިޝަނަށް އެނބުރި އައުމަށެވެ.

ބަނަ ދުވަސްތަކަކަށް ފަހު ނުލާއިހުދުގެ ލަޝްކަރު އެނބުރި އަންނައިރު، މިއީ ދިވެހި ފުޓުބޯޅައަށް އާރޯކަން ގެނެސްދޭނެ ކަމެއްކަން ޔަޤީނެވެ. ދިވެހި ފުޓުބޯޅައިގެ 'ރަސްގެފާނު'ގެ އެނބުރި އައުމަކީ އެ ކުލަބު ދެކެ އިންތިހާއަށް ލޯބިވި ބައެއްގެ މިންނަތް މަސައްކަތެވެ. އެ ކުލަބުގެ ތާރީޚުގައި މިކަން ބޮޑު އަކުރުން ލިޔެވިގެންދާނެއެވެ.

Ads by HDC
  1. ރައްޖެ ތެރޭމީހާ

    ހަމަ ޔަގީނުންވެސް އިސްނަގާގެން ނުކުތް ސަޕޯޓަރުންގެ މިހާރުގެ އެކުސްކޯ މެމްބަރުންގެ ނަން ސެލިއުޓު ކުރަން.

  2. މުޖޭ

    ތިޔަ ސަޕޯޓަރުންގެ ތެރެއިން ނުކުތް މީހުން ތިޔަދައްކަ ދިނީ މުއްސަދި މަހުޖަނުންނަށް ނޫންކަން ކަންކަން ކުރެވޭނީއަކީ ބިކާރިން، ރޮގާނލި ފަތި ގޮވަމުން ދަނިކޮށް އެއޮއް ބޮޑު އަޑިގަނޑުން ސަލާމަތް ކުރެވޭނީ ހަމަ ޔަގީނުންވެސް އެމީހުންގެ ކޮލިޓީ އެއް ހުރީމަކަން ޔަގީން. ތިޔަޓީމަށް އައްސަރިބަހާ ސާބަސް ދަންނަވަން. �

  3. މީމުގާފު

    ތިޔަ ސަޕޯޓަރުންގެ ތެރެއިން ނުކުތް މީހުން ތިޔަދައްކަ ދިނީ މުއްސަދި މަހުޖަނުންނަށް ނޫންކަން ކަންކަން ކުރެވޭނީއަކީ ބިކާރިން، ރޮގާނލި ފަތި ގޮވަމުން ދަނިކޮށް އެއޮއް ބޮޑު އަޑިގަނޑުން ސަލާމަތް ކުރެވޭނީ ހަމަ ޔަގީނުންވެސް އެމީހުންގެ ކޮލިޓީ އެއް ހުރީމަކަން ޔަގީން. ތިޔަޓީމަށް އައްސަރިބަހާ ސާބަސް ދަންނަވަން.!