ޚަބަރު

ވިކްޓްރީގެ ސަސްޕެންޝަން އުވާލައިފި، ނިއުރޭޑިއަންޓުގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެފް.އޭ.އެމް އެކްސްކޯއަށް!

އިބްރާހިމް ރަފްހާން
2018 ވަނަ އަހަރުގެ ލީގު މެޗެއްގެ ތެރެއިން ވިކްޓްރީގެ ކުޅުންތެރިއެއް | ފޮޓޯ: އިމޭޖަސް.އެމްވީ

މުސާރައިގެ މައްސަލަތަކާ އިދާރީ މައްސަލަތުގައި ފުޓުބޯޅައިގެ ހުރިހައި ހަރަކާތަކުން 2019ވަނަ އަހަރު ސަސްޕެންޑުކުރި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ސަސްޕެންޝަން އުވާލައިފިއެވެ.

މިއަދު ބޭއްވި އެފް.އޭ.އެމްގެ ކޮންގްރެސްގައި ވިކްޓްރީގެ ސަސްޕެންޝަން އުވާލައިފައި ވަނީ އެ ޓީމުން ކުޅުންތެރިންނަށް ދައްކަން ޖެހޭ ހުރިހައި ފައިސާއެއް ދައްކާ ނިމުމުންނެވެ. އެ ޓީމުން ކުޅުންތެރިންނަށް ދައްކަން ޖެހޭ ފައިސާ އެފް.އޭ.އެމްއާ ހަވާލުކޮށް ކުޅުންތެރިންނަށް މިހާރު ވަނީ ރައްދުކޮށްފައެވެ.

މީގެ އިތުރުން މުސާރައިގެ މައްސަލައިގައި ސަސްޕެންޑުކޮށްފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެފް.އޭ.އެމްގެ އެކްސްކޯއަށް ދިނުމަށް ވެސް މިއަދުގެ ކޮންގްރެސްގައި ވަނީ ނިންމައިފައެވެ.

މިއާ އެކު އައު ބޯޑެއް އެކުލަވައިލާ ޓީމަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުން އަންނަ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެ ޓީމުގެ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރައިގެ ކަންކަމުގައި ހައްލެއް ހޯދިއްޖެ ނަމަ އެފް.އޭ.އެމްގެ އެކްސްކޯއިން އެ ޓީމުގެ ސަސްޕެންޝަން އުވައިލައިދިނުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބުން މިހާރު ވަނީ ރަނގަޅު ޓީމެއް އެކުލަވައިލައި ސްރީލަންކާގެ ކޯޗު ޕަކީރު އަލީގެ އިރުޝާދުގެ ދަށުން މި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މަސައްކަތް ފަށައިފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި ނިއުރޭޑިއަންޓުން ވެސް އަންނަނީ އެ މުބާރާތުގައި ބައިވެރިވެވޭތޯ މަސައްކަތް ކުރަމުންނެވެ.

ނިއުރޭޑިއަންޓް އަދި ވިކްޓްރީ އަނބުރާ ގެނައުމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އެއްބާރުލުން ވެސް ލިބެމުންދާކަމަށް ދެ ޓީމުން ވެސް މަޢުލޫމާތުދެއެވެ. އަދި މި ދެ ޓީމު އަލުން ފުޓުބޯޅައިގެ ތެރެއަށް އައުމަކީ މުހިއްމު ކަމެއްކަމަށް ރައީސް ވިދާޅުވެފައިވާކަމަށް ނިއުރޭޑިއަންޓުގެ އައު ޗެއާމަން އަޙްމަދު ވާސިފް ވެސް ވިދާޅުވެފައިވެއެވެ.

މި ދެ ޓީމަކީ ދިވެހި ފުޓުބޯޅައިގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ދެ ޓީމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!