ކުޅިވަރު ފުޓްބޯޅަ

އޭ.އެފް.ސީ ކަޕް: ގޯކުލަމް ކެރެލާ ބަލިކޮށް މާޒިޔާއިން އުއްމީދު އާކޮށްފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
ފޮޓޯ: މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން

އޭ.އެފް.ސީ ކަޕްގެ ދެކުނު އޭޝިއާ ގުރޫޕުގައި މިރޭ މާޒިޔާ އާއި އިންޑިއާގެ ގޯކުލަމް ކެރެލާ އެފް.ސީ ބައްދަލުކުރި މެޗު މާޒިޔާއިން ކާމިޔާބުކޮށްފިއެވެ.

Ads by Sosun Fihaara

އިންޑީޔާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި މާޒިޔާގެ ހަމައެކަނި ލަނޑަކީ އެ ޓީމުގެ ފޯވާޑު ކޯނޭ ޖެހި ބޯޅައެއް ގޯކުލަމްގެ ޑިފެންޑަރެއް ފައިގައި ޖެހިފައިން ވަތް ގޯލެކެވެ.

މުބާރާތުގެ ފުރަތަމަ މެޗެކޭ އެއްގޮތަށް މިރޭވެސް މާޒިޔާއިން ވަނީ ރަނގަޅަށް ކުޅެ ގިނަ އެޓޭކުތަކެއް ކޮށްފައެވެ. މި މެޗު ކާމިޔާބު ކުރުމާއެކު ގުރޫޕު ސްޓޭޖުގެ ފަހު މެޗަށް ދާއިރު އަނެއް 3 ޓީމާއި އެއްގޮތަށް މާޒިޔާއަށްވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

މި ގުރޫޕުގެ އެއް ވަނައިގައި މިހާރު އޮތީ މޯހަން ބަގާންއެވެ. މޯހަން ބަގާންއަށް އެ ވަނަ ލިބިފައިވަނީ ފައިދާ އެއް ގޯލާއެކު، ގޯކުލަމް އަށްވުރެ ގިނައިން ގޯލް ޖަހާފައިވާތީއެވެ. ދެ ވަނައިގައި ގޯކުލަމް ފައިދާ އެއް ގޯލައާއެކު އޮތް އިރު މާޒިޔާ އޮތީ ތިންވަނައިގައެވެ. ހަތަރު ވަނައިގައި ބަޝަންދުރާ އޮތީ 3 ގޯލުގެ ގެއްލުމާއެކު އެވެ.

މި ގުރޫޕުގެ ފަހު މެޗުތަކުގައި އަންގާރަ ދުވަހު ހަވީރު ބަޝޫންދުރާ ކިންގްސް އަދި ގޯކުލަމް ކެރެލާ އެފް.ސީ ބައްދަލު ކުރާއިރު އެރޭ މާޒިޔާ ނިކުންނާނީ މޯހަން ބަގާން އާއި ދެކޮޅަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!